27 Feb 2014, 10:56
މާލޭ ވޯޓާ އެންޑް ސަވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ކުންފުނީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް، މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:45 އެހާކަންހާއިރު އެވެ. އެ ހާދިސާ ހިނގީ ބޮޑުތަކުރުފާނު މަގު، އެއް ނަމްބަރު ކުނިކޮށި ހުރި ސަރަހައްދުގަ އެވެ. އެ ހާދިސާ ހިނގިތާ 20 މިނިޓް ތެރޭގައި ފެން ލީކްވުން ހުއްޓުވާފައިވާ އިރު އެކުވެނި ސްޓޭޑިއަމުން ފެށިގެން ވިލާ ހައި އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ވަނީ ފެން ބޮޑުވެފަ އެވެ.
މިއަދު ފަޅައިގެން ދިޔަ ހޮޅި ގުޅާފައި ވަނީ އެ ސަރަހައްދުގެ މޫދާ ކައިރިއަށްކަމުން ހޮޅިން ނަގަނީ މުޅިންވެސް ލޮނުފެނެވެ. އަދި ލޮނުފެން ނަގާ ހޮޅިއެއް ފަޅައިގެން ދިއުމުން އެ ސަރަހައްދަށް ފެތުރިފައި ވަނީ ވެސް ލޮނުފެނެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މާކެޓިންގް އެގްޒެކެޓިވް މަރިޔަމް ނަރުމީން ވިދާޅުވީ މިއަދު ފަޅައިގެން ގޮސްފައިވާ އެ ހޮޅިއަކީ އެ ކުންފުނިން ފެން އުފެއްދުމަށް ޓަކައި ބިމުއަޑިން ފެން ނެގުމަށް ބިމު އަޑިއަށް ގުޅާފައިވާ ހޮޅިއެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ތަހުގީގު ކުރަމުން ދާތީ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވިދާޅުވުމަށް ނޭނގޭކަމަށް ވެސް ނަރުމީން ވިދާޅުވި އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ލޮނު ބޭރުވުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ހުރި ގަސްތަކަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިއްސާރަ ނުވެހޭ ނަމަ އެ ގަސްތަކަށް ފެންދިނުމަށް އެމްޑަބްލިއުއެސްސީ އަށް އެންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ނައީމް އިތުރަށް ވިދާޅުވީ އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް އެ ކުންފުނިން ހޯދާނެ ކަމަށާއި އެފަދަ ހާދިސާތަށް ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަށް އެ ކުންފުނިތަކުން އެޅުމަށް އަންގަވާނެ ކަމަށެވެ.