27 Feb 2014, 10:49
ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ކުރަން ޖެހޭ ކަންތައް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި މި ވަނީ ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލު ބާތިލު ކުރުމަށް އަލްބަޓްރޯސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތުގަ އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ޕްރޮޕޯސަލްތައް ހުށަހަޅައި އެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވި އެ ޕްރޮޕޯސަލްގެ މައްޗަށް ބިނާކޮށް ހައްޖަށް ގެންދާނެ ވަކި ފަރާތްތަކެއް ކަނޑައެޅިއްޖެ ނަމަ ދައުވާ ކުރާ ފަރާތްތަކުގެ އިއާދަ ނުކުރެވޭނެ ފަދަ ހައްގެއް ގެއްލިދާނެ ކަމަށެވެ.
"މި މައްސަލައިގެ މައުލޫއާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ދިވެހިރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ހުށަހަޅަން ޖެހޭ ޕްރޮޕޯސަލްތައް ހުށަހެޅުން ފަސް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފިން،" ގާޒީ ހާތިފް ހިލްމީ ނެރުއްވި އަމުރުގައިވެ އެވެ.