ބެއިޖިންގް (ފެބްރުއަރީ 27) : ފާއިތުވި އަހަރު ޗައިނާއަށް ކުރިމަތި ގުދްރަތީ ކާރިސާތަކުން ލިބުނު ގެއްލުން 69 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާ ސަރުކާރުން ނެރުނު ރަސްމީ ތަފާސް ހިސާބުތަކާއި ލިޔެކިޔުންތައް ބުނާގޮތުން 2013 ވަނަ އަހަރު އެގައުމަށް ކުރިމަތިވި އެކިއެކި ގުދްރަތީ ކާރިސާތަކުން ލިބުނު ގެއްލުން 69 ބިލިޔަން އެމެރިކާ ޑޮލަރަށް އަރަ އެވެ. މިއީ 2012 ވަނަ އަހަރު ޗައިނާ އަށް ކުރިމަތިވި ގުދްރަތީ ކާރިސާތަކުން ލިބުނު ގެއްލުންތަކަށް ވުރެ ދެގުނަ މަތީ އަދަދެއް ކަމަށް ތަފާސްހިސާބުތަކާ ބެހޭ ޗައިނާގެ މަރުކަޒީ އިދާރާއިން ބުނެ އެވެ.

ފާއިތުވި އަހަރު ޗައިނާއަށް ކުރިމަތި ގުދްރަތީ ކާރިސާތަކުގެ ތެރޭގައި ބިންހެލުންތަކާއި ވަޔާއި ވިއްސާރަ އާއި ސްނޯގެ ތޫފާންތަކުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމާއި ހަނަފަސްކަން ހިމެނެ އެވެ. މިކާރިސާތަކުގައި އެތައް ބަޔަކު މަރުވެފައިވާ އިރު ދަނޑުބިންތަކަށާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ޗައިނާ ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ. (ރޮއިޓާސް)