27 Feb 2014, 10:26
ޔުކްރޭނާއި ރަޝިޔާގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގައި ޢަސްކަރީ ތަމްރީންތަކެއް ހެދުމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އެގައުމުގެސިފައިންނަށް އިއްޔެ އަމުރުކުރައްވާފައިވާ އިރު މިއީ ހުޅަނގުން ޔުކްރޭންގައި ކުޅެމުންދާ ކުޅިވަރުތައް ބަލަން ރަޝިޔާ ނޯންނާނެ ކަމުގެ އިޝާރާތެއް ކަމަށް މުޙައްލިލުން ސިފަކުރައްވައިފި އެވެ.
ޔުކްރޭންގެ މަސްރަހު ދިރާސާކުރައްވާ މުޙައްލިލުންނާ ޙަވާލާދީ ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޔޫރަޕްގެ އިއްތިޙާދު، ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ ފަހަތުގައި އޮވެގެން އެގައުމުގެ އިންތިޚާބީ ރައީސް ވިކްޓާ ޔަނަކޮވިޗްގެ ސަރުކާރު މިދިޔަ ހޮނިހިރު ދުވަހު ވައްޓާލައި އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިންގިލާބީ ސަރުކާރަށް އިޢްތިރާފްވެ ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ އިރު މިއީ ޔޫރަޕުން 19 ވަނަ ގަރުނުގެ ތެރޭގައިފެށި އިސްތިޢްމާރީ ހަރަކާތްތައް އަލުން އިޢާދަކުރުމުގެ ވިސްނުމުގައި ހިންގަމުންގެންދާ ހުޅަނގުގެ އިގްތިސާދީ މަސްލަހަތު ހިމެނޭކަންތައްތަކެއް ކަމަށް ރަޝިޔާގެ ޒަޢާމަތުކްރެމްލިންއިން ދެކެ އެވެ.
ޔުކްރޭންގެ ކަންތައްތަކުގެ ތެރެއަށް ޔޫރަޕުން ވަދެގަންނަމުން ގެންދަނީ ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ އެގައުމުގެ ކުރީގެ އިދިކޮޅު ލީޑަރުން (މަދަނީ އިންގިލާބަށްފަހު މިހާރު ވެރިކަމުގައި ތިއްބެވި ލީޑަރުން) މެދުވެރިކޮށެވެ. ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ފުރަތަމަ އިހްތިޖާޖްތައް ފަށާފައި ވަނީ ރައީސް ވިކްޓަރ ޔަނަކޮވިޗް، ޔޫރަޕްގެ އިއްތިޙާދާ އިގްތިސާދީ ގޮތުން ގުޅުންތައް ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ. އެއަށް ފަހު އިދިކޮޅު ފަރާތްތަކުގެ އިހްތިޖާޖްތައް ބޮޑުވެ ތިން މަހަށް ވުރެ ދިގުމުއްދަތަކަށް މިކަން ދިގު ދަންމަމުން ގެންދިޔަ އިރު ރައީސް ޔަނަކޮވިޗް ގެންދެވީ އިދިކޮޅު ފަރާތްތަށް ބޭނުންވާ ދޫދުތައް ދެއްވައި ސުލްޙަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވަމުންނެވެ.
މިކަމަށްޓަކައި ދެފަހަރެއްގެ މަތިން ވަނީ އިދިކޮޅު ފަރާތްތަކާއެކު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. ނަމަވެސް ޔަނަކޮވިޗްގެ ސަރުކާރުން ހުޅަނގުގެ އެޖެންޑާތައް ތަންފީޒުނުކުރާނެކަން ގަބޫލުކުރެވޭތީ ޔޫރަޕްގެ އިއްތިޙާދުން ގެންދިޔައީ މިއެއްބަސްވުންތަކަށް ބެލުމެއްނެތި ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލުމަށް ޔުކްރޭންގެ އިދިކޮޅު ލީޑަރުން ލައްވައި މަސައްކަތްކުރަމުންނެވެ. މިމަސައްކަތް އެންމެ ފަހުން ކާމިޔާބުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން އެދުވަހު ވަނީ ސަލާމަތީ ބާރުތަކުގެ އެހީގައި ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލައި ހުޅަނގުގެ އިގްތިސާދީ މަސްލަޙަތުތައް ރައްކާތެރިކޮށްދޭނެ ވެރިކަމެއް ޔުކްރޭންގައި ގާއިމްކޮށްފަ އެވެ.
ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ އިންގިލާބީ މިވެރިކަމަށް ހުޅަނގުން އިއްތިރާފްވެ ރައިސް ޔަނަކޮވިޗް ހައްޔަރު ކުރުމުގެ އަމުރަށް ވެސް އެންމެފަހުން ހުޅަނގުން ތާއީދުކޮށްފައިވާ އިރު އިންތިޚާބީ ވެރިއަކު ވައްޓާލުމަށް މިފަދަ ޙަރަކާތެއް ހުޅަނގުގެ އެޖެންޓުން ނޫންބަޔަކު ހިންގައި ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް ވައްޓާލިނަމަ ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާގެ ސުލޫކު މުޅިން ތަފާތުވާނެކަމީ ކަށަވަރު ކަމެކެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެގައުމަކާ ދެކޮޅަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޑިމޮކްރަސީގެ ނަމުގައި ޕްރޮޕަގެންޑާތައް ފަތުރަމުންގެންދާނެކަން ޔަގީނެވެ.
ހުޅަނގުގެ މި ކުޅިގަނޑާ ގުޅިގެން ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން އިއްޔެވަނީ ޔުކްރޭނާއި ރަޝިޔާގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގެ ކައިރީގައި ޢަސްކަރީ ތަމްރީންތަކެއް ހެދުމަށް ތައްޔާރުވެ ތިބުމަށް އެގައުމުގެ ސިފައިންނަށް އަމުރުކުރައްވާފަ އެވެ. ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގީ ޝުވީގޯ ވިދާޅުވި ގޮތުގައި މިއީ ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި މަރުކަޒުކޮށްފައިވާ ރަޝިޔާ ސިފައިންގެ ހަނގުރާމައިގެ ގާބިލްކަން ހުރިމިންވަރު ދެނެގަތުމަށް ޓަކައި ހިންގާ ޢަސްކަރީ ތަމްރީންތަކެކެވެ. ޕޫޓިން މިގޮތަށް އަމުރުކުރައްވާފައިމި ވަނީ ޔުކްރޭންގެ ކަންތައްތަކުގެ ތެރެއަށް ނުވަނުމަށް އެމެރިކާ އިން ރަޝިޔާ އަށް އިންޒާރުކޮށްފައިވަނިކޮށެވެ.
ޔަނަކޮވިޗް ވެރިކަން ވައްޓާލުމަށް ފަހު ގައުމު ބައިބައިވެ ރޫޅިގެން ދިޔުމުގެ ބިރު ހީވެފައިވާ ކަމަށް ޔުކްރޭންގެ ވަގުތީ ރައީސް އޮލިކްސެންޑާ ތްރިޗިނޯވް ވަނީ އިޢްތިރާފްވެ ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުންގެ އާބާދީބޮޑު ޔުކްރޭންގެ ސަރަހައްދުތަކުގައި ވަކިވެގަތުމުގެ ރޫޙު ވަރުގަދަވެފައިވާ ކަމަށާ އެސަރަހައްދުތަކުގެ ރައްޔިތުން ޔުކްރޭންގެ ދައުލަތުން ވަކިވެގެންފާނެކަމުގެ ބިރު ބޮޑު ކަމުގަ އެވެ. ޔުކްރޭންގައި ރަޝިޔާ ދަރިކޮޅުގެ ރައްޔިތުންގެ އަޣްލަބިއްޔަތު އޮންނަ އެއްސަރަހައްދުކަމަށްވާ ކްރީމިޔާ ސަރަހައްދުގެ ރައްޔިތުން ގެންދަނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ ކުރީގެ އިދިކޮޅު ފަރާތްތަކުން ރައީސް ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށް ފަހު އުފައްދާފައިވާ ވެރިކަމުގެ ނިޒާމު ގަބޫލުކުރުމަށް ދެކޮޅު ހަދަމުންނެވެ. މިގޮތުން ކްރީމިޔާ ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންނާއި ޔުކްރޭންގެ މިހާރުގެ ވެރިންނަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ކިޔޭވްގައި އިއްޔެވަނީ ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިނގައި އެކަކު މަރުވެ އެތަށް ބަޔަކަށް އަނިޔާވެފައެވެ.
ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގެ ވެރިކަން ބަދަލުކޮށްލުމަށް ހިންގި ހުރިހާ ހަރަކާތްތަކަކަށް ހިއްވަރުދީފައި ވަނީ ހުޅަނގުގެ ބާރުތަކުންކަމަށް ތުހުމަތު ކުރުމަށް ފަހު ރަޝިޔާ އިން ވަނީ ޔުކްރޭންގެ އައު ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުން ޑަބަލް ރޯލް ކުޅެމުން ގެންދާކަމަށް ވެސް ރަޝިޔާގެ މަސްއޫލުވެރިންވަނީ ތުހުމަތު ކުރައްވާފަ އެވެ.
ޔުކްރޭނާއި ރަޝިޔާގެ ސަރަހައްދީ ރޮނގު ގުޅިފައިވާ ހިސާބުގެ ކައިރީގައި ޢަސްކަރީ ތަމްރީންތަކެއް ހެދުމަށް ރައީސް ވްލަޑިމޭރު ޕޫޓިން ރަޝިޔާގެ ސިފައިންނަށް އިއްޔެ އަމުރުކުރެއްވުމަކީ ހުޅަނގުން ޔުކްރޭނަށް އަތްގަދަކޮށް އެގައުމުން ރަޝިޔާގެ ނުފޫޒު ކަނޑުވާލުމަށް ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ކުރަމުން ގެންދާ މަސައްކަތްތަކާ މެދު ރަޝިޔާ އަތްއުރާލައިގެން ނޯންނާނެ ކަމުގެ އިޝާރާތެއް ކަމަށްވަނީ ބެލެވިފަ އެވެ. އަދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހަރާކާތްތެރިވާ އެޖެންޓުންގެ އެހީގައި ހުޅަނގުން ޔުކްރޭންގައި ހިންގަމުން ގެންދަނީ ހުޅަނގުގެ އިގްތިސާދީ މަސްލަހަތާ ގުޅިފައިވާ 19 ވަނަ ގަރުނުގެ އިސްތިއްމާރީ ހަރަކާތްތަކުގެ އައު ބާބެއް ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ.