27 Feb 2014, 10:18
ކުށްވެރިން ބަލަހައްޓާ ކަރެކްޝަނަލް ސާވިސްގެ އިސް މުއައްޒަފެއްގެ މައްސަލަތަކެއް ބެލުމަށްޓަކައި ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.
ސުލޫކީ މައްސަލަތަކެއްގެ ސަބަބުން އެ މައްސަލަތަށް ބެލުމަށް ޓަކައި ވަޒީފާ އިން ސަސްޕެންޑް ކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔާ ހުސެއިން މަނިކު ދޮންމަނިކު ވިދާޅުވީ އޭނާ އަކީ މީގެ ކުރިން ވެސް ސުލޫކީ މައްސަލަތަކެއް ހުރި މީހެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން އޭނާގެ އެ މައްސަލަތައް ބެލިފައި ނުވާ ކަމަށާއި ހޯމް މިނިސްޓަރު ސިޓީއަކުން އެންގެވި އެންގެވުމެއްގެ މަތިން އެ މައްސަލަތައް ބެލުމަށް ޓަކައި އާސިފް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ދޮންމަނިކު އިތުރަށް ވިދާޅުވީ މައްސަލަތަށް ބެލުމަށް ޓަކައި މިވަގުތު އޭނާ ސަސްޕެންޑް ކޮށްފައި ހުރި ކަމުގައި ވިޔަސް އޭނާގެ މުސާރަ ބަރާބަރަށް ލިބެމުން ދާނެ ކަމަށެވެ.
މުހައްމަދު އާސިފް އަކީ ކަރެކްޝަނަލް ސާވިސްގެ މުއައްޒަފެއްގެ ގޮތުގައި އެ މުއައްސަސާއަށް ނުވަ އަހަރު ހިދުމަތްކޮށްދީފައިވާ ބޭފުޅެކެވެ.