މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ވެސް ހުސްވެފައި ވާތީ އެ ކައުންސިލް ހިންގުން މެންބަރު މިދުހަތު އާދަމް އާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު ފަރުޞަދު ވިދާޅުވީ ރައީސް އާއި ނައިބު ރައީސް ނެތުމުން ރޭގައި ބޭއްވި އެ ކައުންސިލްގެ ޖަލްސާއަކުން ހިންގުން މިދުހަތާ ހަވާލު ކުރީ ކަމަށެވެ.
'
"ރޭގެ ޖަލްސާގައި ނިންމީ މެންބަރު މިދުހަތާ ހަވާލު ކުރަން ހިންގަން. އެއީ އެކްޓިން އިންޗާޖުގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މުއާޒަށް މަގާމު ގެއްލުނީ އޭނާ ރައީސް ކަމަށް އިންތިހާބުވި ޖަލްސާއަކީ ބާތިލު ޖަލްސާއެއް ކަމަށް ކައުންސިލުން ނިންމުމުންނެވެ.

މުއާޒްގެ ގޮނޑި ގެއްލިފައި ފަނިކޮށް ނައިބު ރައީސް ޖައުފަރު ރަޝީދު ވަނީ އަމިއްލަ ސަބަބުތަކަކަށް ޓަކައި ކަމަށް ބުނެ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

މުއާޒްގެ މަގާމު ގެއްލުމުން އޭނާ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.