އަލަށް ހުވާ ކުރެއްވި މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން، މާލޭ މޭޔަރަކަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު އައްޔަންކޮށް، ޑެޕިއުޓީ މޭޔަރަކަށް ޝިފާ މުހައްމަދު ހޮއްވަވައިފި އެވެ.

ކައުންސިލަރުކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދު މާލޭ ސިޓީ ކައުންސިލްގައި ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ޝިހާބު މޭޔަރަކަށް ހޮއްވެވީ ޕީޕީއެމްގެ ތިން ކައުންސިލަރުންގެ ވޯޓާ ވެސް އެކުގަ އެވެ. އަދި ޑެޕިއުޓީ މޭޔަރަކަށް ޝިފާ ހޮއްވެވީ ވެސް ޕީޕީއެމްގެ އެ ތިން ކައުންސިލަރުންނާއެކު، ޖުމްލަ 11 މެމްބަރުންގެ އިއްތިފާގުންނެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ 11 ކައުންސިލަރުންނަކީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން އާއި ހެންވޭރު ދެކުނު ކައުންސިލަރު އިބްރާހިމް ނިމާލާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ރިޒްވީން އާއި މައްޗަންގޮޅީ އުުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަންނޫން އާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން އާއި ވިލިމާފަންނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝިހާބެވެ.