19 Dec 2010, 12:54
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ބަޖެޓަށް ވާހަކަ ދައްކަވާނެ މެންބަރަކު ނެތިގެން ޖަލްސާ ނިންމާލައިފި އެވެ.
ތިން ދަންފަޅިއަކަށް ބަހާލައިގެން އިރުއޮއްސި 6:00 އާ ހަމައަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމައްސައިގެން ފެށި މި ޖަލްސާ ނިންމާލީ ފަހެއްޖަހާކަންހާއިރު އެވެ.
ބަޖެޓް ބަހުސް ކުރުމުގައި ކޯރަމް ހަމަކުރުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވި ނަމަވެސް ޖަލްސާ ކުރިއަށްދިޔައީ ކޯރަމް ގެއްލެމުންނެވެ. އެގޮތުން ތިނެއްޖަހާއިރު ޖަލްސާ މެދުކަނޑާލުމަށް ފަހު 4:00ގައި ޖަލްސާ ފެށުމަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، ކޯރަމް ގެއްލުމުގެ ސަބަބުން 2:37 ގައި ވެސް ޖަލްސާހުއްޓާލަން ޖެހުނެވެ. އެއަށް ފަހު ހަވީރުގެ ދަންފަޅި ފަށާފައި ވަނީ 4:00ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވެސް ކުރިއަށްދާނީ ބަޖެޓް ބަހުސް ކަމަށެވެ. އަދި މާދަމާގެ ޖަލްސާ ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، ހެނދުނު 9:00 ން 6:00 އަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.