25 Mar 2010, 10:39
14:30
ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަނިކޮށް ސްރީލަންކާގެ ދެ މަސް ބޯޓް އެމްއެންޑީއެފްގެ ކޯސްގާޑުން އަތުލައިގެންފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނަންޓް އަބްދުﷲ ޢަލީ މިއަދު ވިދާޅުވީ ރޭ ފަތިހު އެ ދެބޯޓް ފެނިފައި ވަނީ ހއ. އަތޮޅާ ދިމާ ބޭރުން ރާއްޖޭގެ އިތްތިސާދީ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރަމުންދިޔަ ކޯސްގާޑަށް ކަމަށާއި ކޯސްގާޑު ލޯންޗު އެ ދެ މަސްބޯޓު އޮތް ސަރަހައްދަށްދިޔައިރު އެތަނުން އެއް ބޯޓް އޮތީ ދާއަޅައިގެން ކަމަށާއި އަނެއް ބޯޓް އޭރު ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުވުމަށް ދުއްވަމުންދިޔަ ކަމަށެވެ.
އަބްދުﷲ އަލީ އަދި ވިދާޅުވީ އެ ދެބޯޓަކީ ވެސް ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ދެ ބޯޓް ކަމަށާއި ދެ ބޯޓުންކުރެ ދާއަޅައިގެން މަސްވެރިކަން ކުރަން އޮތް ބޯޓް ނޫން އަނެއް ބޯޓުގައި ގިނަ އަދަދަކަށް މަސްހުރި ކަމަށާއި ކޮންމެ ބޯޓެއްގައި ވެސް ލަންކާގެ ހަތަރު މީހުން ތިބި ކަމަށެވެ. އަދި އެ ދެ ބޯޓް ކުޅުދުއްދުށީ ބަނދަރަށް ވެއްދުމަށް 21 ގަޑިއިރުވާނެތީ އެ ބޯޓުގައި މަސް ހުރި މިންވަރު އެނގޭނީ އޭނގެ ފަހުން ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.