މި މަހުގެ ތިން ވަނަ ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހެއްގެ ގަޔަށް އެޗްއައިވީ އަށް ޕޮޒިޓިވްވެފައިވާ ލޭ އަޅާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. ހަބީބު ވިދާޅުވީ މިއީ މިހާތަނަށް އައިޖީއެމްއެޗުގައި ހިނގި އެންމެ ހިތާމެވެރި ހާދިސާ ކަމަށާއި މިކަމަށްޓަކައި މައާފަށް އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ލެބޯޓަރީ ޓެކްނީޝަނެއްގެ އިހުމާލުން ވެފައިވާ ކަމެއްކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެލްތުމިނިސްޓްރީއާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ހެލްތު މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން މި އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޑރ. ހަބީބު ވިދާޅުވީ އިހުމާލުވި ޓެކްނީޝަން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާ ކަމަށާއި މިހާތަނަށް އޭނާއާ ގުޅޭގޮތުން ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން ކުރި މުވައްޒަފު މިހާރު ވަނީ މަސައްކަތުން ދުރުކުރެވިފައި ކަމަށާއި އޭނައާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
ބަލިމީހާގެ ގަޔަށް އެއިޑުސްޖެހިފައިވާ ލޭ އަޅާފައިވާކަން އެނގުމާ އެކު ޑަބްލިއުއެޗްއޯގެ ގައިޑްލައިނާ އެއްގޮތަށް އޭނާ އަށް ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ޑރ. ހަބީބު ވިދާޅުވި އެވެ.

ބަލި މީހާގެ މައުލޫމާތާއި ލޭ ހަދިޔާ ކުރި ފަރާތުގެ މައުލޫމާތު ހާމަކުރުމަކީ ޑަބްލިއުއެޗްއޯގެ އުސޫލާ ޚިލާފު ކަމެއް ކަމަށްވާތީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގައި "ކުށްވެރިވާ މީހާ" ގެ މައުލޫމާތު ހިއްސާކުރާ ހިސާބަށް ދިޔުމުން އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.