އައްޑޫ ސިޓީ ކައުންސިލްގެ ދެ ވަނަ ދައުރުގެ މޭޔަރަކަށް މީހާރު ވެސް އެ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ހޮއްވަވައި، ޑެޕިއުޓީ މޭޔަރަކަށް އަބްދުﷲ ތޮއްޔިބު ހޮއްވަވައިފި އެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ ކައުންސިލްގެ މޭޔަރަކަށް ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު ސޯބެ، ހޮއްވެވީ އަލަށް އިންތިހާބުވި ކައުންސިލުން ހުވާ ކުރެއްވުުމަށްފަހު ބޭއްވި ކައުންސިލްގެ ފުރަތަމަ ޖަލްސާގަ އެވެ. ސޯބެ ހޮއްވެވީ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ. އަދި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިތުބު ޑެޕިއުޓީ މޭޔަރަކަށް ހޮއްވެވީ ވެސް ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.

ހަ ކައުންސިލަރުންގެ މެދުގައި ބޭއްވި ސިއްރު ވޯޓުގައި ޑެޕިއުޓީ މޭޔަރަކަށް ތޮއްޔިބު ހޮއްވެވުމަށް ފަސް ކައުންސިލަރުން ވޯޓު ދެއްވިއިރު، އޭނާ ހޮއްވެވުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވެވި އެވެ.

ސޯބެ އާއި ތޮއްޔިބުގެ އިތުރަށް އައްޑޫ ސިޓީގެ ކައުންސިލްގައި ހިމެނޭ އަނެއް ހަތަރު ކައުންސިލަރުންނަކީ ފޭދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަޝްވާނާއި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަޝިފެވެ.