ސްޕެނިޝް ލަލީގާގައި މިދިޔަ އަންގާރަ ދުވަހު ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ އާޖެންޓީނާ ކޯޗު ޖެރާޑޯ މާޓިނޯ ދަނޑުން ފޮނުވާލުމަށް މެދުވެރި ސަބަބާއި ގުޅިގެން އޭނާ އަށް އެއް މެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ސޮސިއެޑާޑް އަތުން 3-1 ލަނޑުން ބާސާ ބަލިވި މެޗުގެ ފުރަތަމަ ހާފު ނިމުނު ތަނާ އެ މެޗުގެ ރެފްރީ ޑޭވިޑް ބޯބަލަން އަށް މާޓިނޯ ބެންޗުން ފޮނުވާލަން ޖެހުނީ މެޗު އޮފިޝަލަކާއި ދިމާއަށް ބުނި ބަހަކާއި ގުޅިގެންނެވެ. މި ސަސްޕެންޝަނާއި ގުޅިގެން ލަލީގާގައި އަންނަ އާދީއްތަ ދުވަހު އަލްމޭރިއާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައި މާޓިނޯ އިންނަން ޖެހޭނީ ކުޅި ބަލާށެވެ.

މާޓިނޯ އަށް އެއް މެޗުގެ ސަސްޕެންޝަނެއް އައި ނަމަވެސް އެ ކްލަބުން ވަނީ އެކަމަށް އެޕީލް ނުކުރުމަށް ނިންމައިފަ އެވެ.

"ސޮސިއެޑާޑާއި ދެކޮޅަށް ކުޅުނު މެޗުގައި ކްލަބުގެ އާޖެންޓީނާ ކޯޗު ބެންޗުން ފޮނުވާލީ މެޗުގެ ފުރަތަމަ ހާފް ނިމުނުތަނާ. އަކަމާއި ގުޅިގެން އަލްމޭރިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ބާސާގެ ބެންޗުގައި މާޓިނޯއަކަށް ނީނދެވޭނެ." ބާސާގެ ރަސްމީ ވެބްސައިޓްގައި ވެއެވެ. "އެފްސީ ބާސެލޯނާ އިން އެ ސަސްޕެންޝަން އެޕީލް ކުރުމަށް އެޕީލް ކޮމިޓީއަށް ހުށައެއް ނާޅާނަން."

ސޮސިއެޑާޑް އަތުން ބަލިވުމުގެ ސަބަބުން ބާސާ ވަނީ ލަލީގާގެ ދެވަނަ އަށް ވެއްޓިފަ އެވެ. މިހާރު އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާއި ބާސާ އާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ.