26 Feb 2014, 21:12
ގިނަ ދުވަސްތަކެއް ވަންދެން ހޯދަމުން ދިޔަ ދުނިޔޭގެ އެންމެ ބޮޑު ޑްރަގް ލޯޑް ހައްޔަރު ކުރެވުމުން އަންގައިދެނީ މެކްސިކޯގެ ސެކިއުރިޓީ ނިޒާމް ހަގީގަތުގައި ވެސް މަސައްކަތްކުރާ ކަން ކަމުގައި އެގައުމުގެ ރައީސް އެންރީކޭ ޕެނާ ނިއެޓޯ ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ޖޯކުއިން ގުޒްމަން (އެލް ޗަޕޯ) ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މެކްސިކޯގެ ރިސޯޓެއްގައި އަންހެނަކާ އެކު އުޅެމުން ދަނިކޮށް، އެ ގައުމުގެ މެރިން ސިފައިން އެލް ޗަޕޯ ހައްޔަރުކުރީ އިންފްރާރެޑް އަދި ސްކޭންކުރާ ޓެކޮނޮލޮޖީގެ އާލާތްތައް ބޭނުން ކޮށްގެންނެވެ. އެލް ޗަޕޯ ހައްޔަރު ކުރެވުމަކީ މެކްސިކޯ އަށް ލިބުނު ކާމިޔާބެއް ކަމުގައި އެގައުމުގެ ރައީސް ވިދާޅުވެފައި ވެއެވެ.
"ދުނިޔޭގެ އެންމެ ބޮޑު ޑްރަގް ލޯޑް ހައްޔަރުކުރުމަކީ ބައިނަލްއަގްވާމީ ލެވެލްގައި މެކްސިކޯގެ ކާމިޔާބު އަންގުވައިދިން ކަމެއް. މިއީ މެކްސިކޯ އަށް ލިބުން ޝަރަފެއް، އަދި ބޮޑު ކާމިޔާބެއް." ނިއެޓޯ ވިދާޅުވި އެވެ. "މިކަމުން އަންގައިދެނީ މި ގައުމުގެ ސެކިއުރިޓީ ނިޒާމް ހަގީގަތުގައި ވެސް މަސައްކަތްކުރާ ކަން. ދެން އަހަރެމެން ދާންވީ ފަސް ބެލުމެއް ނެތި ކުރިއަށް، މަސައްކަތް ކުރަންވީ ހިތްވަރާ އެކު މެކްސިކޯ އަކީ އަމާން ތަނަކަށް ހެދުމަށް."
އެލް ޗަޕޯ ހައްޔަރުކުރާ ކޮންމެ ފަހަރަކު ވެސް ރިޝްވަތު ދީގެން އޭނާ ޖަލުން ފިލަ އެވެ. އެންމެ ގިނައިން މަސްތުވާތަކެތި ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯ އިން ދަނީ އެކަން ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ.