މިއަދު ފުލުހުން ހައްޔަރު ކުރި، އައްޑޫގައި ހަރަކާތްތެރިވާ "ހަވީރު" ނޫހުގެ ރިޕޯޓަރު އަހުމަދު އަދުޝަން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ފުލުހުންގެ ބެލުމުގެ ދަށަށް" އަދުޝަން ގެންދިޔައީ ސ. ފޭދޫ ބަނދަރުމަތީގައި ފުލުހުންތަކެއް ބަޔަކު ޗެކް ކުރަމުން ދިޔަ މަންޒަރު ފޮޓޯ ނެގުމުން ފުލިހުންގެ މަސައްކަތަށް އުނދަގޫވާތީ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ފަރާތުން މައުލޫމާތު ސާފުކޮށް ބަޔާން ނެގުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

ހަވީރުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު މިއަދު ސަން އަށް ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް މުޅިން ސާފުނުވާ ކަމަށާއި އެ މައްސަލައިގައި ފުލުހުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އާންމުތަކެއްގައި ހިނގާ ކަމެއް ފޮޓޯ ނަގައިގެން ނޫސްވެރިއަކު ވިޔަސް އަދި އާންމުން މީހަކު ވިޔަސް ހައްޔަރުކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބަލަން ކިހިނެއް ހިނގައި ދިޔަ ކަމެއްތޯ. ފުލުހުންނާ ވާހަކަ ދައްކަމުން މި ދަނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އާންމު ތަނެއްގައި ހިނގާ ކަމެއް ފޮޓޯ ނަގައިގެން ނޫސްވެރިއަކު ނޫނަސް އަދި އާންމު މީހަކު ވިޔަސް ހައްޔަރު ކުރެވިދާނެ ކަމަކަށް،" އިސްމާއިލް ވިދާޅުވި އެވެ.