26 Feb 2014, 21:00
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވުމް މާދަމާ އަށް ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 1:00 އަށެވެ.
ޖާބިރުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ޖާބިރާއި އިތުރު ބަޔަކު ހދ. ހޮނޑައިދޫން ހައްޔަރު ކުރި ދިމާލާ ދިހަ ފޫޓު ދުރުން މަސްތުވާތަކެތި ފެނިފައި ވާތީ އެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާބިރުގެ ވަކީލު އިޝްރާގު ތައުފީގު ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް ޖާބިރު މަސްތުވާތަކެތިދިން މަންޒަރު ނުފެންނަ ކަމަށާއި އަދި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން ވެސް މަސްތުވާތަކެތި ނުފެންނަ ކަމަށް ހެކީން ބުނެފައި ވާތީ، ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުން ޖާބިރު ބަރީއަތްވާ ކަމަށެވެ.
ޖާބިރުގެ ވަކީލުގެ އެވާހަކަ އަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ އެ މީހެއްގެ އަތުން މަސްތުވާތަކެތި ނުފެނު ކަމަށް ވިޔަސް އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ހަތަރު ގުރާމަށް ވުރެ މަދުން ކެނަބިސް ފެނިއްޖެ ކަމަށްވާ ނަމަ އެއީ ކެނަބިހުން މުއާމަލާތްކުރީ ކަމަށް ބެލެވޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
ވަކީލާ ވިދާޅުވީ ހޮނޑައިދޫން ޖާބިރާއި އިތުރު ބަޔަކު ހައްޔަރު ކުރި ސަރަހައްދަކީ ވަގުތީ ގޮތުން އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށެވެ. އަދި ވިދާޅުވީ އެ މީހެއްގެ ކޮންޓްރޯލް ދަށުގައިވާ ތަނަކުން ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެ މީހަކު އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.
ޖާބިރުގެ ވަކީލު އިޝްރާގު ވިދާޅުވެފައި ވަނީ ހޮނޑައިދޫ އަކީ ޖާބިރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށެއް ނޫންކަން ޖާބިރުގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ.