ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާލޭ ޖަލަށް ބަދަލުކޮށްފައި ވަނީ އޭނާގެ ރައްކަލަކަށް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން މަނިކު ދޮންމަނިކު ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހުސައިން މަނިކު ދޮންމަނިކު ވިދާޅުވީ ޖާބިރު ބަހައްޓާފައި ހުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ މާފުށީ ޖަލުގައި މާރާމާރީ ހިނގި ގޮޅިއާ ކައިރި ހިސާބެއްގައި ކަމަށެވެ. އެހެންކަމުން އޭނާ މާލޭ ޖަލަށް ބަދަލުކޮށްފައި ވަނީ ފަހުން ކުރިމަތިވެދާނެ ނުރައްކަލަކަށް ޓަކައި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް މޫސާ އާޒިމް އޭނާ އަރިހު ދެންނެވި ކަމަށް ވެސް ހުސައިން މަނިކު ދޮންމަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާޒިމް އެ ނިންމުން ނިންމަވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހުއްދައާ އެކު ކަމަށާއި އެކަމުގައި އޭނާގެ ފަރާތުން އެއްވެސް ލަފައެއް ދީފައިނުވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖާބިރު ޖަލަށް ލުމަށް ކަމަށާއި އެހެންކަމުން ކޮންމެ ޖަލެއްގައި އޭނާ ބެހެއްޓި ކަމަށްވިޔަސް އެއީ ކޯޓު ހުކުމާ ދެކޮޅަށް ކުރެވޭ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓުން ހުކުމް ކޮށްފައި ވަނީ އަބްދުﷲ ޖާބިރު ޖަލަށްލުމަށް. އެ ހުކުމަކު ނެތް މާފުށީ ޖަލަށޭ ލާންޖެހޭނީ. އެހެންވީމާ މާލޭ ޖަލަށް ޖާބިރު ބަދަލު ކުރުމަކީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. ކޮންމެ ޖަލެއްގައި ހުރި ނަމަވެސް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރެވޭ ނޫންތޯ،" ހުސައިން މަނިކު ދޮންމަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖާބިރު މާލޭ ޖަލަށް ބަދަލުކުރުމުގައި އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ބުނެ "އެންޓި ކެންޕޭން ކުރުމަށް" ދިއެފްއެމް ޕްލަސް އިން އޭނާގެ ފޮޓޯ އެކޮޅުކޮޅުން ޖަހާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ އޭނާގެ އަގު ވައްޓާލުމަށް ކޮށްފައިވާ ކަމެއް ކަމަށާއި އެކަން ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.