26 Feb 2014, 17:24
މިދިޔަ އަހަރު ސަރުކާރުން އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނުން ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީންނަށް ހާއްސަކޮށް ދެ ޕެކޭޖް ތައާރަފް ކޮއްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހައްޖުވެރިންނަށް ހާއްސަކޮށް މިއަދު ތައާރަފްކުރި ދެ ޕެކޭޖަކީ "ހައްޖު ޕެކޭޖް 1435ހ" އާއި ދުރާލާ ރާވައިގެން ހައްޖަށް ދިއުމަށް މަގުފަހިކުރާ ޕެކޭޖެކެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ތައާރަފް ކުރި އެ ދެޕެކޭޖްގެ ދަށުން މިއަހަރު އެ ކޯޕަރޭޝަންގެ ފަރާތުން ހައްޖައްދާ ހައްޖުވެރިން ހައްޖަށް ގެންގޮސްދޭ އަގަކަށް ހަމަޖައްސާފައި ވަނީ 69965ރ އަށެވެ. ޕެކޭޖްގެ ހާއްސަ ކަންތައްތަކުގެ ތެރޭގައި ޕެކޭޖްގެ ދަށުން ހައްޖުގެ އަޅުކަން އަދާ ކުރާނެ ގޮތުގެ ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދިޔުމާއި މުޅި ދަތުރުގައި އެއާޕޯޓުން އެއްޗެހި އުފުލުމުގައި އެ ކޯޕަރޭޝަންގެ އެހީ ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އޭގެ އިތުރުން 24 ގަޑިއިރުގެ ދީނީ އިރުޝާދު ދިނުމާއި ސިއްހީ އެހީތެރިކަން ފޯރުކޮއްދިނުމުގެ އިތުރުން ދޮވެ އިސްތިރިކުރުމާއި ނަމާދު ކުރުމަށް ހާއްސަ ދެ ހޯލެއް މައްކާގެ ހޮޓަލުގައި ވަނީ ހަމަޖައްސާފައެވެ.
ދުރާލާ ރާވައިގެން ހައްޖަށް ދިއުމަށް މަގުފަހިކުރާ ޕެކޭޖްގެ ދަށުން ހައްޖައްދާ މީހުންނަށް ކުރު މުއްދަތެއްގެ ތެރޭގައި ހައްޖައް ދިއުމުގެ މަގު ފަހިވެގެން ދެއެވެ. އަދި އެ ޕެކޭޖްގެ ސަބަބުން އެއްފަހަރާ ބޮޑު އަދަދެއް ދެއްކުމުގެ ބަދަލުގައި ބޭނުންވާ މިންވަރަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން އެ ފައިސާގެ %100 ޒިންމާ ހައްޖުކޯޕަރޭޝަނުން ނަގައެވެ. އޭގެ އިތުރުން އެ ޕެކޭޖްގެ ދަށުން މެންބަރުން ދައްކަންޖެހޭ ފައިސާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދައްކައިދިނުމާއި ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ ދައްކަންބޭނުންވާ ފައިސާ އެ ބޭފުޅެއްގެ މުސާރައިން އުނިކުރުމަށްފަހު އެ ކޯޕަރޭޝަންގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްދެއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ނައިބު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި މިފަދަ ޕެކޭޖެއް ތައާރަފް ކުރެވޭ ފުރަތަމަ ފަހަރު ކަމަށާއި މި ޕެކޭޖްގެ ސަބަބުން ހައްޖަށްދާ ބޭފުޅުންނަށް ބޮޑަތި ފައިދާތަކެއް ވެލައްވާނެ ކަމަށެވެ.