26 Feb 2014, 16:31
ވިލާ ކޮލެޖުން ޔުނިވާސިޓީ އޮފް ލަންޑަން (ޔޫއޯއެލް)ގެ ބެޗްލާސް އޮފް ލޯސް (އެލްއެލްބީ) އާއި ޑިޕްލޮމާ އިން ދަ ކޮމަން ލޯ މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ނިންމައިފި އެވެ.
މިއަދު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯސް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ އެޓާނަލް ޖެނެރަލް މުހައްމަދު އަނިލް އާއި ޔޫއޯއެލްގެ އަންޑާގްރެޖުއޭޓް ލޯ ޕްރޮގްރާމްގެ ޑިރެކްޓަރު ޕްރޮފެސަރު ޖެނީ ހެމިލްޓަން އާއި ވިލާ ކޮލެޖްގެ ފަކަލްޓީ އޮފް ލޯގެ ޑީން ހުސްނު ސުއޫދު އާއި އެ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.
ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ދާއިރާއަކީ މަސައްކަތްކުރައް ވަނީ ވަރަށް ޒުވާން ބޭފުޅުން ކަމަށާއި އެކަން މަޑުމަޑުން ތަރައްގީވަމުން އައިސްފައިވާ ކަމަށެވެ. ނަމަވެސް މިއަދަކީ ގާނޫނީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑު ގަބޫލުކުރާ ގޮތުގައި މުޖުތަމައުގެ ފަރާތުން ގާނޫނީ ދާއިރާ އަށް ކުރާ އިހްތިރާމާއި އިތުބާރު އިތުރުކުރުމަށް ޓަކައި، މިވަގުތަކީ ގާނޫނީ ދާއިރާ އިތުރަށް ވަރުގަދަ ކޮށް ތަރައްގީ ކުރަންޖެހިފައިވާ ވަގުތު. އެކަމަށް ޓަކައި ގާނޫނީ ދާއިރާ އިން ދުނިޔޭގެ ފެންވަރުގެ ތައުލީމް ލިބުމުގެ އިތުރުން މިހާރު ރާއްޖޭގައި ގާނޫނީ ދާއިރާ އިން ކިޔަވައިދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ." އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނީ ރޮންގުން ތައުލީމް ލިބުމުގެ އިތުރުން ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފާރަވެރިވާނެ ބާ އިމްތިހާނަކާއި ބާ ކައުންސިލެއް ގާއިމް ކުރަންޖެހިއްޖެ ކަމަށެވެ.
އެގޮތުން ލީގަލް ޕްރޮފެޝަން އެކްޓްގެ ފުރަތަމަ ޑްރާފްޓް ޔޫއެންޑީޕީގެ އެހީގައި މޯލްޑިވިއަން ލޯ އިންސްޓިޓިއުޓުން ގުޅިގެން މިހާރު ނިމިފައިވާ އިރު އެ ބޮލް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަކީ ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ނަމަވެސް ގާނޫނީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެކަންތައް ހާސިލްކުރަންޖެހޭ ކަމަށްވެސް އަނިލް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ލޯ ގެ ޑީން ހުސްނު ސުއޫދު ވިދާޅުވީ ރާއްޖޭގެ ބައެއް އިންސްޓިޓިއުޓްތަކުން ގާނޫނީ ދާއިރާ އިން ތައުލީމް ފޯރުކޮށްދޭ ކަމަށާއި ނަމަވެސް އެތަންތަނުން ނުކުންނަ މީހުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނީ ދާއިރާ އަށް ފެންވަރުގެ ލޯޔަރުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް އިންސްޓިޓުއުޓްތަކުން ތައުލީމު ހާސިލްކޮށްގެން ނުކުންނަ މީހުންނަށް ވަޒީފާ އަދާކުރެވޭނެ ކަމާ މެދު ކޮންމެ ދުވަހަކު ވެސް ސުވާލު އުފެދޭ. އަދި ބައެއް ލޯފާމްތަކުންނާއި އެނާނީ ޖެނެރަލްގެ އޮފީހުން ނުވަތަ ޕީޖީ އޮފީހުން ވެސް ކޮލިފައިޑް ކަމާ މެދު ސުވާލުތަކެއް އެބަކުރޭ." ސުއޫދު ވިދާޅުވި އެވެ.
ގާނޫނީ ރޮނގުން ކިޔެވުމުގެ ފުރުސަތު ރާއްޖޭން ބޭރުން ލިބުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ކުދިންނަށް ގާނޫނީ ރޮނގުން ކިޔެވުމަށް ފައިސާގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
ވިލާ ކޮލެޖުން ބުނީ އެ އެ ކޯސް ތައް މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގައާއި އެ ކޮލެޖުން އައްޑޫގައި ގާއިމްކޮށްފައިހުރި ކެމްޕަހުންވެސް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ފުރުސަތު އޯލެވެލް އަދި އޭލެވެލް ހަދާފައިތިބި ކުދިންނަށާއި އޭލެވެލް މިއަހަރު ހަދަމުންދާ ކުދިންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެ އެވެ.
"އޭލެވެލް ނެތް ކުދިން ވިލާ ކޮލެޖުގައި ފަށާ ފައުންޑޭޝަން އިން ލޯ ޕްރޮގްރާމްގައި އެއް އަހަރު ދުވަހު ބައިވެރިވުމަށްފަހު ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެވޭނެ. އަދި ކޮންމެ އަހަރަކު ސެޕްޓްމެބަރު މަހުގެ އެ ކޯހުގެ ބެޗެއް ކުރިއަށްދާނެ،" ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން ޑިޕްލޮމާ އިން ދަ ކޮމަން ލޯ އަކީ މިހާރު ހިދުމަތުގައި ތިއްބެވި ގާނޫނީ ވަކީލުންނަށާއި ފަނޑިޔާރުންނަށް އަމާޒްކޮށްގެން ހިންގާ ކޯހެއް ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.
ވިލާ ކޮލެޖުން ބުނީ އެ ކޯހުގެ މުއްދަތަކީ ތިން އަހަރު ކަމަށާއި ކޯހުގެ ފީ ބޭރުން އެ ކޯސް ހެދުމަށްދާ ފީއަށްވުރެ ހަތް ގުނަ ދަށްވާނެ ކަމަށެވެ. އެގޮތުން ވިލާ ކޮލެޖުން އެ ކޯސް ކިޔަވާނަމަ ކިޔަވަން ބޭނުންކުރާ ހުރިހާ އެއްޗަކާއި ހުރިހާ ހަރަދަކަށް އަހަރު ދައްކަންޖެހޭނީ 75000 ރުފިޔާ ކަމަށާއި އެ ފައިސާ އިންސްޓޯލްމަންޓެއްގެ ގޮތުގައިވެސް ދެއްކޭނެ ކަމަށެވެ.
ގާނޫނީ ރޮނގުން ކޯސްތައް ހިންގާތާ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލަންޑަންގެ މަޝްހޫރު ލަންޑަން ޔުނިވާސިޓީގެ ދަށުން 18 ކޮލެޖަކާއި 12 ރިސާޗް އިންސްޓިޓިއުޓެއް ހިމެނެ އެވެ. އަދި އެ ޔުނިވާސިޓީގެ 54000 އަށްވުރެ ގިނަ ދަރިވަރުން ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ކިޔަވަމުންދެ އެވެ.