26 Feb 2014, 16:09
ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް އެކްލަބުގެ ކުރީގެ ބްރެޒިލް ތަރި ރޮބާޓޯ ކާލޮސް ބުނެފި އެވެ.
މެޑްރިޑްގައި 11 އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ކާލޮސް އެ ކްލަބާ އެކު ހަތަރު ލަލީގާ އާއި ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި އެވެ. އުމުރުން 40 އަހަރުގެ ކާލޮސް މިހާރު ބޭނުން ވަނީ ކޯޗެއްގެ ގޮތުގައި އެނބުރި މެޑްރިޑަށް ދާން ކަމުގައި އޭނާ ބުނެފައިވެ އެވެ.
"ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މެޑްރިޑްގެ ކޯޗުކަން ކުރުމަކީ އަހަރެންގެ ހުވަފެނެއް." މިހާރު ތުރުކީގެ ސިވަސްޕޯގެ ކޯޗުކަމުގައި ހުރި ކާލޮސް ބުންޏެވެ.
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި މިރޭ ޝާލްކޭ އާއި ދެކޮޅަށް މެޑްރިޑް ނުކުންނަ އިރު، ސަމާލުވުމަށް ވެސް މެޑްރިޑަށް ކާލޮސް ގޮވާލާފައިވެ އެވެ. "ރެއާލް މެޑްރިޑަކީ ވަރަށް ރަނގަޅު ޓީމެއް، ނަމަވެސް ޝާލްކޭ އަކީ ލިބޭ ހުސް ފުރުސަތުތަކުގެ ބޭނުންކުރާ ޓީމެއް." އޭނާ ބުންޏެވެ. "އަންޒީގެ ކުޅުންތެރިއެއްގެ ގޮތުގައި ޝާލްކޭ އާއި ދެކޮޅަށް ކުޅުނު އިރު އެކަން ފާހަގަވި. މެޑްރިޑަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށް ބަލައިގެން ނުވާނެ."
ޗެމްޕިއަންސް ލީގުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެއް މެޗުގައި ގަލަތަސަރާއީ އާއި ދެކޮޅަށް ޗެލްސީ ނުކުންނަ އިރު، އަނެއް މެޗުގައި ރެއާލް މެޑްރިޑް ނުކުންނާނީ ޝާލްކޭ އާއި ދެކޮޅަށެވެ. މި ދެމެޗު ވެސް ކުޅޭނީ ރާއްޖޭ ގަޑިން މިރޭ 12:45 ގަ އެވެ.