26 Feb 2014, 16:05
ޖަރުމަން ކްލަބު ޝާލްކޭގެ އެންމެ ރަނގަޅު ކުޅުން ދައްކައިފި ނަމަ، ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ކުޅޭ މެޗުން މޮޅުވެވިދާނެ ކަމުގައި ޝާލްކޭގެ ނެދަލޭންޑްސް ފޯވާޑް ކްލާސް ޔެން ހަންޓެލާ ބުނެފި އެވެ.
މިރޭގެ މެޗަށް ޝާލްކޭ ނުކުންނަ އިރު، މި އަހަރު ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިވެފައެއް ނުވެ އެވެ. މި ރެކޯޑް ދަމަހައްޓައި ޝާލްކޭ އަށް މެޑްރިޑް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކުރެވިދާނެ ކަމަށް ހަންޓެލާ ގަބޫލުކުރެ އެވެ.
"މެޑްރިޑް އަތުން މޮޅުވާން ބޭނުން ނަމަ، މި މެޗުގައި އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެ." ހަންޓެލާ ބުންޏެވެ. "މި އަހަރު އަހަރެމެން ދައްކާ ކުޅުން ދައްކައިފި ނަމަ، ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ."
މެޑްރިޑުން ފުރުސަތު ނުލިބޭތީ 2009 ވަނަ އަހަރު އޭސީ މިލާނަށް ބަދަލުވި ހަންޓެލާގެ ވިސްނުން ހުރީ ކުރީގެ ކްލަބަށް ބަދަލު ހިފުމަށް ނޫން ކަމުގައި ވެސް ހަންޓެލާ ބުނެފައިވެ އެވެ. "މެޑްރިޑާއި ދެކޮޅަށް ނުކުންނަ އިރު، އަހަރެން ބޭނުންވަނީ އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން. އެހެން ކަމަކާ މެދު އަހަރެން ނުވިސްނާން. އެ ކްލަބުގައި ހޭދަކުރި ދުވަސްތަކަކީ އަހަރެންނަށް އުފާވެރި ދުވަސްތަކެއް." އޭނާ ބުންޏެވެ.
ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި ޝާލްކޭ ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 12:45 ގަ އެވެ.