26 Feb 2014, 15:05
ރާއްޖެއިން ތެޔޮ ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޭރުގެ ތަޖުރިބާ ހުރި ފަރާތްތަކާ މަޝްވަރާކޮށް އެބޭފުޅުންގެ އެހީއަށް އެދިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑް (އެމްއެންއޯސީ)އިން ބުނެފިއެވެ.
ސަރުކާރުން ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑް (އެމްއެންއޯސީ)އާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންއޯސީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު މުނީޒު ވިދާޅުވީ ތެޔޮ ނެގުމުގެ މަސައްކަތަށް އެ މަސައްކަތް ކުރުމާބެހޭ ދިރާސާތަށް ކުރަމުންގެންދާ ޝެލް ކުންފުނީގެ ހުރިހާ ލިޔެކިޔުންތަށް މިހާރު އެކޮއް ނިމިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ލިޔެކިޔުންތަށް އެއްކުރުމަށްފަހު ޝެލް އިން ކޮށްފައިވާ ދިރާސާގެ ހުރިހާ މައުލޫމާތެއް ހޯދުމަށް ޝެލްގައި އެދުމުން އެ ޑޭޓާ ސެޓް މިހާރު ލިބިފައި ވާ ކަމަށް މުނީޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޑޭޓާ ސެޓްގައި ހިމެނޭ މައުލޫމާތުތަށް އިތުރަށް ދިރާސާ ކުރުމަށް މިހާރު ޖަރުމަނާއި ނޯވޭގެ ކޮންސަލްޓެންޓުންގެ އެހީއަށް އެދިފައި ވާ ކަމަށެވެ. އަދި އެބޭފުޅުންގެ އެހީ އާއި އެކު ތެޔޮ ނެގުމުގެ މަސައްކަތް ގެންދަން ވީ ގޮތުގެ ލަފާ ސަރުކާރަށް ދެއްވާނެ ކަމަށް ވެސް މުނީޒު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މި މަސައްކަތަކީ ރާއްޖެއިން ތެޔޮ ހޯދުމުގެ އެންމެ ބޮޑު އެއް މަރުހަލާ ކަމަށެވެ. އަދި ރާއްޖޭގެ ވަށައިގެންވާ ގައުމު ތަކުގައި ވެސް ތެޔޮ އެބަހުރި ކަމަށާއި ޝެލް ކުންފުނިން އެވަރުގެ ބޮޑު ހަރަދެއް ކޮށްގެން ވެސް ދިރާސާއެއް ކުރިކަމީ ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ.
"ބަޔަކު 30 މިލިއަން ނުވަތަ 40 މިލިއަން ހަރަދުކޮއްފަ އެތާގަ ބޯ ހޯލްއެއް ތޮރުފާ ދިރާސާއެއް ނުކުރާނެ އެތާގަ އެއްޗެއް ނެތް ކަމުގަ ވަންޏާ. އެހެންވީމަ އޭގެންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަގީން ކަމެއް އެބަލިބޭ ރާއްޖޭ ގަވެސް ތެޔޮ އެބަހުރިކަން،" ޝައިނީ ވިދާޅުވިއެވެ.
އެހެންކަމުން މިހާރުގެ ސަރުކާރުން ވައުދު ވެފައިވާފަދައިން ރާއްޖެއިން ތެޔޮ ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ތަށް މިހާރު މިއޮތީ ކާމިޔާބުވެފައި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.