ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުއް އަޒީރު އަލް ސައުދު އަންނަ ހުކުރުދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންވަން ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޕްރިންސް ސަލްމާނަށް މަރުހަބާ ދެންނެވުމަށް އެ ދުވަހު ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތެއް ބާއްވަން ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ސަލްމާންގެ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ސައުދީ އަރަބިއްޔާ އިން ހޯދުމަށް އެދިފައިވާ 300 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ބެހޭ ގޮތުން މަޝްރާކުރައްވަން ނިންމަވާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ސައުދީގެ އަރަބް ނިއުސްއިން ކުރިން ބުނެފައިވަނީ ސަލްމާން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓް ސަޕޯޓަކަށް ބޭނުންވާ ލޯން އެހީގެ މަޝްވަރާތަކުގެ އިތުރުން ޓޫރިޒަމާއި ހަކަތަ އާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ދީނީ ގޮތުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.

ރާއްޖޭގެ ބަޖެޓަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް ޓަކައި ސައުދީ އަރަބިއްޔާގެ ސަރުކާރުގައި 300 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ހޯދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި އެގައުމަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

ސައުދީގެ ވަލީ އަހުދު ރާއްޖެ އަށް ވަޑައިގަތުމުގެ ކުރިން ޖަޕާން އަދި ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާނެ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސައުދީގެ ސްކޮލާޝިޕްގައި ޖަޕާނުގައި ކިޔަވަމުން ގެންދާ ކޮންމެ ދަރިވަރަކަށް 10،000 އެމެރިކާ ޑޮލަރުގެ އެހީއެއް ދެއްވާފަ އެވެ.

ރާއްޖެ އަށް އާއިލާއާ އެކު ކުރައްވާ ދަތުރުފުޅަށް ފަހު އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އަށް ކަމަށް ވެސް އަރަބް ނިއުސްގައި ބުނެފައިވެ އެވެ.