26 Feb 2014, 14:26
މާލޭ އާސަހަރާގައި މީހުން ވަޅުލުމަށް ހާއްސަ ކޮށްފައި ހުރި ސަރަހައްދު ފުރިގެން ފަސް ވަނަ ފަހަރަށް ފަސް އަޅައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަބްދުލް ހަމީދު އަލީ "ސަން"އަށް މިއަދު ވިދާޅުވީ އާސަހަރާއަށް އަނެއްކާ ވެސް ފަސް އެޅީ މީހުން ވަޅުލުމަށް ހާއްސަކޮށްފައިވާ ފަސް ބައިގެ ތެރެއިން އެންމެ ބޮޑުކޮށް އޮންނަ ބައި ފުރިގެން ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރު ފަސް އަޅާފައި ވަނީ ސަހަރާގެ އިރުދެކުނަށް އޮންނަ އެންމެ ބޮޑު ބައިގެ ދެވަނަ ފަށަލައަށް ކަމަށާއި އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ.
އާ ސަހަރާއަށް ވެލިއެޅުމަށް މިފަހަރު ބޭނުންކޮށްފައިވަނީ މާލޭގެ ގޭގެ އިމާރާތް ކުރުމަށް ކޮންމަ ވެލި ކުނިކޮއްޓަށް އެޅުމުން އެ ވެލިތައް ނަގައި ސާފުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
"އަލުން ފަސް އެޅީ ވެލިތައް ހޯދައިގެން ފުރާނައިގެން، އެއީ ބުރަ މަސައްކަތެއް. ހަތަރު މަސް ދުވަސް ނެގި މަސައްކަތް މުޅިން ނިންމާލަން. ކުރީގެ މޭޔަރު އަލިބެގެ ފުރިހަމަ އިސްނެންގެވުމާއި އެއްބާރުލުން ލިބިގެން އަޅުގަނޑުމެންގެ މުވައްޒަފުންނަށް މިހާ ބޮޑު މަސައްކަތެއް ނިންމާ މިލެވުނީ، އެހެން ނޫން ނަމަ މިއަދު ތިބެންޖެހޭނީ މީހުން ވަޅު ނުލައި،" ހަމީދު ވިދާޅުވި އެވެ.
އާ ސަހަރާ ފުރިގެން މަތި މައްޗަށް ފަސް އަޅަމުން މީހުން ވަޅުލަމުން ގެންދާތާ 15 ވަރަކަށް އަަހަރު ވެފައިވާއިރު އެންމެ ފުރަތަމަ މަހާނަ ތަކުގެ މައްޗަށް ވެލި އަޅައިގެން މީހުން ވަޅުލާން ފަށައިފައިވަނީ 2010 ވަނަ އަހަރު އެވެ. އެންމެ ފަހުން އެތަނަށް ފަސް އަޅާފައިވަނީ 2012 ގަ އެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ހުޅުމާލެއިން ސިޓީ ކައުންސިލަށް ބިމެއް ދޫކޮށްފަ އެވެ.
ނަމަވެސް މާލޭ ސިޓީ ކައުންސިލުން ބުނީ އެ ބިމުގައި ސަހަރާއެއް ހެދުމުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ފައިސާގެ ދަތިކަމާއި ކައުންސިލްގެ ބަޖެޓްގައި ވެސް އެ ފައިސާ ހިމެނިފައިނުވާތީ ކަމަށެވެ.