މެންޗެސްޓާ ޔުނައިޓެޑްގެ ނެދަލޭންޑްސް ފޯވަޑް ރޮބިން ވެން ޕާސީ އަށް އެކްލަބުގެ ކުޅުންތެރިން އިތުރު އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމުގައި އޭނާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އިއްޔެ އޮލިމްޕިއާކޮސް އަތުން 2-0 ލަނޑުން ބަލިވެ ޔުނައިޓެޑް މިހާރު އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ. އިއްޔެގެ މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެނިފައިވާ އިރު، އެންމެ ދަށް ކުޅުމެއް ފެނިގެން ދިިޔައީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެން ޕާސީ ބުނީ، ޔުނައިޓެޑްގެ ކުޅުންތެރިން ކުޅެމުންދާ ކުޅުމުން އޭނާ އަށް ވަރަށް އުނދަގޫތަކަކާއި ކުރިމަތިވާ ކަމަށާއި ޓީމަށް ގޯލެއް ކާމިޔާބު ކޮށްދިނުމަށް އަމިއްލަ އަށް މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

"ބައެއް ފަހަރު އަހަރެން އަމިއްލަ އަށް އެކިއެކި ގޮތް ހޯދަން ޖެހޭ، ނަމަވެސް އަހަރެން ބޭނުންވާ އޭރިޔާއެއް ގައި ކުޅެން ބަލާއިރު ޓީމުގެ އެހެން ކުޅުންތެރިއަކު އެތާ ހުންނާނެ. އެހެން ކަމުން އަހަރެންނަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވޭ." ވެން ޕާސީ ބުންޏެވެ. "ދެން ޓީމް އެ ކުޅޭ ގޮތަށް ހޭނުމަށް ޖެހޭނީ އަހަރެންގެ މުޅި ކުޅުން ބަދަލުކުރަން." ވެން ޕާސީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޔުނައިޓެޑް ބަލިވުމުގެ ޒިންމާ އަޅުވަން ޖެހޭނީ ކޯޗު ޑޭވިޑް މޮއެސްގެ ބޮލުގައި ނޫން ކަމަށް ވެސް ވެން ޕާސީ ބުންޏެވެ. "ކޯޗު ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. ބައެއް ފަހަރު އަހަރެމެންނަށް ރަނގަޅު ކުޅުން ދެއްކޭ، ނަމަވެސް ކޮންމެ ފަހަރަކު ނުދެއްކޭ. އަހަރެމެންގެ ކިބައިގަ ނަސީބު ނެތީ. އަހަރެމެން ޖެހޭނެ އިތުރަށް މަސައްކަތްކުރަން. އަދި ކޮންމެހެން އިނގިލި ދިއްކުރަން ޖެހޭނީ ކޯޗަކަށް ނޫން." ވެން ޕާސީ ބުންޏެވެ.

މި މުބާރާތުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި އޮލިމްޕިއާކޮސް އާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނަން ޖެހޭނީ އަންނަ މަހު 19 ވަނަ ދުވަހު އެވެ. މި މެޗު ކުޅޭނީ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގަ އެވެ.