26 Feb 2014, 12:43
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ގްރީސްގެ އޮލިމްޕިއާކޮސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޮލިމްޕިއާކޮސްގެ އަމިއްލަ ދަނޑުގައި ރޭ ކުރިއަށް ދިޔަ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ގިނަ ކުށްތަކެއް ފެނިފައި ވެއެވެ. ޔުނައިޓެޑްގެ މެދު ތެރެއިން ފޯވަޑް ރޮބިން ވެން ޕާސީ އާއި ވޭން ރޫނީ އަށް ރަނގަޅު ބޯޅަތަކެއް ވެސް ފޯރު ކޮށްދެވިފައެއް ނުވެ އެވެ. ނަތީޖާއަކަށްވީ 2-0 ލަނޑުން އޮލިމްޕިއާކޮސް އަތުން ޔުނައިޓެޑް ބަލިވުމެވެ.
މެޗުގައި ޔުނައިޓެޑަށް އޮލިމްޕިއާކޮސްގެ ގޯލަށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި އޮލިމްޕިއާކޮސް އަށް އަލެހެންޑްރޯ ޑޮމިންގޭޒް ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯލް ކޭމްބަލް އެވެ.
އޮލިމްޕިއާކޮސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ މި ސީޒަންގެ އެންމެ ދަށް ކުޅުން ކަމުގައި އެކްލަބުގެ ކޯޗު ޑޭވިޑް މޮއެސް ވެސް އެއްބަސްވެފައިވެ އެވެ. "މިއީ އަހަރެމެންގެ އެންމެ ދަށް ކުޅުން." މޮއެސް ބުންޏެވެ. "އެއީ އަހަރެން އުންމީދުކުރި ކުޅުމެއް ނޫން. ރަނގަޅު ކަމަކީ ދެވަނަ މެޗަށް ކުޅެން އޮތްކަން. މީގެ ޒިންމާ އަހަރެން ނަގާނަން." މޮއެސް ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ރޭ ކުޅުނު އަނެއް މެޗުގައި ޖަރުމަންގެ ބޮރޫސިއާ ޑޯޓްމުންޑް ވަނީ ރަޝިއާގެ ޒެނިތު އަތުން 4-2 ލަނޑުން މޮޅުވެފަ އެވެ. މި މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެއް މެޗުގައި ގަލަތަސަރާއީ އާއި ދެކޮޅަށް ޗެލްސީ ނުކުންނަ އިރު، އަނެއް މެޗުގައި ރެއާލް މެޑްރިޑް ނުކުންނާނީ ޝާލްކޭ އާއި ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅޭނީ ރާއްޖޭ ގަޑިން މިރޭ 12:45 ގަ އެވެ.