26 Feb 2014, 12:37
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގާނޫނީ ވަކީލަށް ދޫކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޖާބިރުގެ ވަކީލަށާއި ޕީޖީ އޮފީހަށް ވެސް މިއަދު އެ ރިޕޯޓު ދޫކޮށްފައިވާ ކަމަށެވެ.
"ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު މި ކޯޓުން މިއަދު ވަނީ އަބްދުﷲ ޖާބިރުގެ ވަކީލަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ދޫކޮށްފައި،" މަނިކު ވިދާޅުވި އެވެ.
ކުޑަކަމުދާ އެއްޗި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ޖާބިރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހުށަނާޅާތީ މައްސަލަ ބަލައި ނުގެންފަ އެވެ.
ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން ޖާބިރަށް އަންގާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހުއްޓައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފުލުހުންގެ އެންގުމަށް ކުޑަކަމުދާ ތަކެތި ނުދޭނެ ކަމަށް ކަނޑައެޅިގެން ޖާބިރު ބުނެފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
ހެކިން ޖާބިރަށް އަނިޔާ ކުރި ކަމަށް އޭނާ ވިދާޅުވިނަމަވެސް އެ ހެކިން އޭނައަށް އަނިޔާކުރިކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ކުޑަކަމުދާ އެއްޗިހި ދޭން ފުލުހުން އެންގި އިޖުރާއަތްތަކަކީ ސައްޚަ އިޖުރާއަތްތަކެއް ނޫން ކަމަށް ޖާބިރު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިނަމަވެސް ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ކުޑަކަމުދާ އެއްޗިހި ދިނުމަށް ޖާބިރަށް އަންގާފައި ވަނީ ސައްޚަ އިޖުރާއަތުތަކެއްގެ ދަށުން ކަމަށް ޝަރީއަތަށް ފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.