މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓު އަލީ ޝާންގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހެކީންނަކީ ކޮބައިކަން އެނގެން ބޭނުންވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަލީ ޝާން ދިފާއުގައި ހުށަހެޅި ހެކީން ސިއްރު ކޮށްދިނުމަށް އޭނާގެ ފަރާތުން އެދިފައި އޮތްނަމަވެސް އެ ހެކީންގެ މައުލޫމާތު ދައުލަތަށް އެނގެން ބޭނުންވާ ކަމަށެވެ.

ދައިލަތުން ހުށަހަޅާފައިވާ ހެކީންނަކީ ތަހުގުކުރާ އިދާރާ އަށް ހާޒިރުކުރެވި ބަޔާން ނަގާފައިވާ ފަރާތްތަކެއް ކަމަށާއި ނަމަވެސް އަލީ ޝާންގެ ފަރާތުން ހުށަހަޅާފައިވާ ހެކީންނަކީ އެފަދަ އެއްވެސް ކަމެއް ފުރިހަކޮށްފައިވާ ބައެއްނޫން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ޝާންގެ ގާނޫނީ ވަކީލު ވިދާޅުވީ ދިފާއުގައި ހުށަހެޅި ހެކީންގެ މައުލޫމާތު ތަހުގީގު މަރުހަލާގައި އަލީ ޝާންގެ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ބަޔާން ފުލުހުން ނަގާފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދިފާއީ ހެކީންގެ ހެކިބަސް ސިއްރުން ނެގުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށާއި ނަމަވެސް އެ ހެކީންނަކީ ކޮން ބައެއްކަން ދައުލަތަށް އެނގެން ބޭނުންވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާ ހެކީން ސިއްރު ކުރަން އެދިފައި ވަނީ މުޅި މުޖުތަމައުގެ ސަލާމަތަށް ޓަކައި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން އަލީ ޝާންގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކީންގެ މައުލޫމާތު ބޭނުންވާ ކަމަށާއި ސަބަބަކީ އެ ހެކީންނަކީ އަލީ ޝާންގެ އަދާވާތްތެރިންތޯ ބަލަން ބޭނުންވާ ކަމަށެވެ.

ދައުލަތުން ސިއްރު ކުރަން އެދޭ ބަޔާންތައް ދިފާއީ ވަކީލުންނަށް ދޭން ނުޖެހޭނެ ކަމަށާއި އަދި ހެކިބަސް ސިއްރުން ނެގިދާނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އަލީ ޝާންގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއަށް ދެން އޮންނަ ޝާރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވުމާ ގުޅިގެން އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.