26 Feb 2014, 12:05
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގެ މައްސަލައިގައި އެ ކައުންސިލްގެ މެންބަރު އަބްދުﷲ މުއާޒް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.
މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމު މުއާޒަށް ގެއްލުނީ އޭނާ ރައީސް ކަމަށް ހަމަޖެއްސި ޖަލްސާއަކީ އިޖުރާއަތުތައް ފުރިހަމަނުކޮށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އެ ޖަލްސާއަކީ ބާތިލު ޖަލްސާއެއް ކަމަށް ކަނޑައެޅުމުންނެވެ.
މުއާޒް މިއަދު ވިދާޅުވީ އޭނާ ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެން އެކަން ކޯޓުން އޭނާ އަށް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑު އެ ދައުވާގައި އެދިފައި ވާނީ އަޅުގަނޑު ރައީސް ކަމަށް ހަމަޖެއްސި ޖަލްސާ ބާތިލު ކުރީ އިޖުރާއަތުތަކާ ހިލާފަށް ކަމުން އެ ޖަލްސާގެ ނިންމުންތައް ބާތިލުކޮށް އަޅުގަނޑު މަގާމަށް ރިއިންސްޓޭޓް [ރުޖޫއަ] ކުރުމަށް އެދި،" މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް މީޑިއާ ކައުންސިލްގެ ޖަލްސާއަކުން އެހެން ޖަލްސާއެއް ބާތިލުކޮށްފައިނުވާނެ ކަމަށާއި އެކަންތައް ވެސް ދައުވާގައި ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ.
މީޑިއާ ކައުންސިލްގެ ދެ ދައުރުގައި މިހާތަނަށް ތިން ރައީސަކު އެ ކައުންސިލަށް އިންތިހާބު ކުރި އެވެ. މުއާޒަށް ރައީސްކަން ގެއްލުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ހުޝާމް މުހައްމަދެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޓޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން އިބްރާހީމް ހަލީލެވެ.