26 Feb 2014, 11:54
ދަމާސް އިން ލޭގެ އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ހާއްސަކޮށް ބްލަޑް ޑޮނޭޝަން ކޭމްޕެއް މިއަދު ކުރިޔަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ބްލަޑް ސާވިސްގައި ކުރިޔަށް ގެންދިޔަ އެ ކޭމްޕްގައި ދަމާސްގެ 30 އަށް ވުރެ ގިނަ މުއައްޒަފުން ވަނީ ލޭހަދިޔާކޮށްފަ އެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން ދަމާސްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ޝިހާބް ވިދާޅުވީ ދަމާސް އިން އަބަދުވެސް މުޖުތަމައަށް ބޭނުންތެރި އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ކުރިޔަށް އޮތް ތާގައި ވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށްގެންދާނެ ކަމަށް ޝިހާބް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ލެޔަށް ބޭނުންވެފައި ތިބި ވަރަށް ގިނަ ކުދިން. އެހެންވީމާ އެ ކުދިންނަށް އަދި މުޖުތަމައަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއްގޮތަށް އަޅުގަނޑުމެން އެންމެން ވެސް މިކަން ދެކެނީ. އަދި ކުރިޔަށް އޮތްތާގައި ވެސް މިކަހަލަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނަން." ޝިހާބް ވިދާޅުވި އެވެ.
ދަމާސް ގެ ހުރިހާ މުއައްޒަފުން ބައިވެރިވެގެން ކުރިޔަށް ގެންދާ ލޭހަދިޔާ ކުރުމުގެ ކޭމްޕްގައި މޯލްޑިވްސް ބްލަޑް ސާވިސް ގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ދަމާސްގެ ހުރިހާ މުއައްޒިފުންގެ ނަމުގައި ޝިހާބް ޝުކުރު އަދާކުރެއްވި އެވެ.