ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައިގައި ބައެއް ޑޮކިއުމެންޓުތައް ކޮމިޝަނަށް ދީފައިނުވާނެ ކަމަށާއި ނަމަވެސް އެއްބާރުލުން ނުދޭ ކަމަށް އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ހައްދަވަނީ އިތުރުފުޅު ކަމަށް މޯލްޑިިވްސް ހައްޖު ކޯޕްރޭޝަން ލިމިޓެޑުން ބުނެފި އެވެ.

ހައްޖު ކޯޕްރޭޝަނުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނުގެ ރައީސް ލުތުފީ ވިދާޅުވެފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު އޭސީސީގެ އޮފިޝަލުންތަކެއް އެ ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ސާފު ކުރައްވާފައިވާ ކަމަށާއި އެ އޮފިޝަލުންނަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ.

އޭސީސީގެ އޮފިޝަލުން ހައްޖު ކޯޕަރޭޝަނަށް ވަޑައިގެން ބައެއް ޑޮކިއުމެންޓްތަކެއް ހޯދަން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ވަގުތުން ދެވޭނެ ތަކެތި ކަމުގައި ނުވުމުން އަންގާރަ ދުވަހު އެ ތަކެތި ދެއްވާނެ ކަމަށް ވިދާޅުވުމުން އޭސީސީގެ އޮފިޝަލުން ވެސް އެކަމާ އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހައްޖު ކޯޕްރޭޝަންގެ ބަޔާނުގައި ބުނެފައި ވަނީ އޭސީސީން ބޭނުންވާ ޑޮކިއުމެންޓުތައް ލިސްޓުކޮށް އެ ފަރާތުން އަންގާރަ ދުވަހު ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ޑޮކިއުމެންޓުތަކަކީ އެ ކޯޕަރޭޝަންގެ "ސެންސިޓިވް މަައުލޫމާތު ހިމެނޭ" ޑޮކިއުމެންޓުތަކެއް ކަމުން އެ ޑޮކިއުމެންޓުތައް ފިޔަވައި ދެން ހުރި ޑޮކިއުމެންޓުތައް އޭސީސީ އަށް ފޮނުވާފައިވާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއްކަން ބުނުމުން އެ ކޯޕަރޭޝަންގެ "ސެންސިޓިވް މަައުލޫމާތު ހިމެނޭ" ޑޮކިއުމެންޓުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އޭސީސީ އަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.