ކިޔޭވް (ފެބްރުއަރީ 26) : ޔުކްރޭންގެ ކުރީގެ ރައީސް ވިކްޓަރ ޔަނަކޮވިޗް ވެރިކަން ވައްޓާލުމަށް ފަހު ގައުމު ބައިބައިވެ ރޫޅިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އެގައުމުގެ ވަގުތީ ރައީސް އޮލިކްސެންޑަރ ތްރިޗިނޯވް ވިދާޅުވެއްޖެ އެވެ.
ޔުކްރޭންގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ތްރިޗިނޯވް ވިދާޅުވީ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުން ދިރިއުޅޭ ޔުކްރޭންގެ ސަރަހައްދުތަކުގައި ވަކިވެގަތުމުގެ ރޫޙު ވަރަށް ވަރުގަދަވެފައިވާ ކަމަށާއި އެސަރަހައްދުތަކުގެ ރައްޔިތުން ޔުކްރޭންގެ ދައުލަތުން ވަކިވެދާނެކަމުގެ ބިރު ބޮޑު ކަމުގަ އެވެ. ޔުކްރޭންގެ އިންތިޚާބީ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ވެރިކަން މިދިޔަ ހޮނިހިރު ދުވަހު ވައްޓާލާފައި ވަނީ ހުޅަނގަށް ތާއީދުކުރާ ކުރީގެ ނާކާމިޔާބުވެފައިވާ އޮރެންޖް ރިވޮލިއުޝަންގެ ލީޑަރުންނަށް ތާއީދުކުރާ ފަރާތްތަކުންނެވެ. ޔުކްރޭންގެ ވަގުތީ ރައީސްކަމާއި ޕާލަމެންޓްގެ ރައީސް ކަމުގައި މިހާރު ހުންނެވި އޮލިކްސެންޑާ ތްރިޗިނޯވް އަކީވެސް އޮރެންޖް ރިވެލިއުޝަންގެ ލީޑަރެކެވެ.

ޔުކްރޭންގެ އިންތޚާބީ ވެރިކަން ވައްޓާލައި އައު ސަރުކާރެއް އުފައްދާފައި ވަނީ ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި މަދަނީ ބަޣާވާތަކުން ކަމަށްވިޔަސް ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާ އިން ވަނީ އައުސަރުކާރަށް ރަސްމީގޮތުން އިއްތިރާފްވެ އެސަރުކާރު ބަލައިގަންނަކަން ހާމަކޮށްފަ އެވެ. ޔުކްރޭންގައި ރަޝިޔާ ދަރިކޮޅުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުން ގެންދަނީ ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށް ފަހު ކުރީގެ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ވެރިކަން ގަބޫލު ކުރުމަށްފަސްޖެހެމުންނެވެ. އަވަށްޓެރި ރަޝިޔާއިންވެސްވަނީ ޔުކްރޭންގެ މިހާރުގެ ވެރިކަމަކީ ބަޣާވާތަކުން އުފައްދާފައިވާ ޣައިރު ގާނޫނީ ވެރިކަމެއް ކަމަށް ސިފަކޮށް އައު ސަރުކާރަށް އިޢްތިރާފް ވުމަށް ދެކޮޅު ހަދާފަ އެވެ.

ޔުކްރޭންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ރަޝިޔާ ނުވަންނާނެކަމަށްރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވި ނަމަވެސް ރަޝިޔާގެ މީޑިޔާ އިން ވަނީ ޔުކްރޭންގައިވާ ރަޝިޔާ ދަރިކޮޅުގެ މީހުންގެ ހިމަޔާތުގައި ރަޝިޔާ އޮންނާނެކަން ޔުކްރޭންގެ މިހާރުގެ ވެރިންނަށް ހަނދާންކޮށްދީފަ އެވެ. ޔުކްރޭންގެ ކުރީގެ އިދިކޮޅު ފަރާތްތަކުން ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށްޓަކައި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކާއި އިހްތިޖާޖްތަކުގެ ސަބަބުން ޔުކްރޭންގެ އިގްތިސާދުވަނީ ރޫޅި އިފްލާސްވުމުގެ މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިއާއެކު ޔޫރްޕްގެ އިއްތިޙާދުންނާއި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ހުޅަނގުގެ ބާރުތަކުން ވަނީ ޔުކްރޭންގެ ރޫޅެމުންދާ އިގްތިސާދު އަލުން ނެގެހެއްޓުމަށް ޓަކައި އެތަށް ބިލިޔަން ޑޮލަރެއްގެ މާލީއެހީގެ ޕެކެޖްތައް ދިނުމަށް ތައްޔާރަށްއޮތްކަން ހާމަކޮށްފަ އެވެ. ނަމަވެސް ޔުކްރޭންގެ އައު ޒަޢާމަތާއެކުކުރިމަތިވެފައިވާ ބައިބައިވުމާއި ވަކިވެގަތުމުގެ ނުރައްކަލުން އެގައުމު ސަލާމަތް ކުރެވިދާނެކަމާ މެދު ހުޅަނގުވެސް ވަނީ ކަންބޮޑުވެފަ އެވެ. (ނޫސްއެޖެންސީތައް)