26 Feb 2014, 10:25
ކާބުލް (ފެބްރުއަރީ 26) : 2014 ވަނަ އަހަރުގެ ފަހުކޮޅުއެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަންޖެހޭނީ އެގައުމުގައި އެމެރިކާ ސިފައިންގެ ބަޔަކު ދާއިމީ ގޮތަކަށް ބޭތިއްބުމުގެ މަގްސަދު ހާސިލްނުވެ އެމެރިކާ ސިފައިންގެ އެކަކު ވެސް އެގައުމުގައި ނުބައިތިއްބާގޮތަށް ކަމަށްވުމީ އެކަށީގެންވާ ކަމެއް ކަމަށް ވައިޓް ހައުސްއިން ފުރަތަމަ ފަހަރަށް ބުނެފި އެވެ.
މިމައްސަލާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއިއާ އެކު ފޯނުން ކުރެވުނު މަޝްވަރަތަކަކަށް ފަހު ވައިޓް ހައުސްއިން ޕެންޓަގަން އަށް ގޮވާލާފައި ވަނީ މި އަހަރުގެ ފަހުކޮޅު އެމެރިކާ ސިފައިން އެއްކޮށް އަފްޣާނިސްތާނުން ބާލަންޖެހިދާނެ ކަމަށްބަލައި އެކަމަށް އެމެރިކާ ސިފައިން ތައްޔާރީ ހާލަތުގައި ބޭތިއްބުމަށެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަފްޣާނިސްތާނާއި އެމެރިކާއާދެ މެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އަމަނާ ބެހޭ ދިގު މުއްދަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއި ދެކޮޅު ހައްދަވާތީ 2014 ވަނަ އަހަރު ނިމޭއިރު އެމެރިކާ ސިފައިންގެ އެކަކު ވެސް އަފްޣާނިސްތާނުގައި ބައިނުތިއްބައި އެމެރިކާ ސިފައިން އެއްކޮށް އެގައުމުން ބާލަންޖެހުމުގެ ފުރްސަތު ބޮޑުކަމަށް ރައީސް ބަރަކް އޮބާމާ ދެކެވަޑައިގަންނަވާ ކަމުގައެވެ.
މި އަހަރަށް ފަހު އެމެރިކާ އާއި އަފްޣާނިސްތާނާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އަމަނާބެހޭ އެއްބަސްވުމުގެ ދެލިކޮޕީ ބިނާވެފައިވަނީ އަލްގާއިދާއާ ހަނގުރާމަ ކުރުމުގެ ނަމުގައާއި އަފްޣާން ސިފައިންގެ ލަޝްކަރުތަކަށް ބޭނުންވާ ތަމްރީން ދިނުމުގެ ނަމުގައި އެމެރިކާ ސިފައިންގެ 8 ހާސްމީހުން އަފްޣާނިސްތާނުގައި ދިގުމުއްދަތަކަށް ބޭތިއްބުމުގެ މައްޗަށެވެ. ނަމަވެސްމި 8 ހާސް ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުމުގައި އެމެރިކާ މަގްސަދަކީ އެގައުމުގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވަދެ ބަސްކިޔުމުގެ ފުރްސަތު ހޯދުމާއި ކާބުލްގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމޭޓުންނާއި އަފްޣާނިސްތާނަށް ޒިޔާރަތްކުރައްވާ އެމެރިކާގެ މަސްއޫލުވެރިންގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އަމަނާބެހޭ އެއްބަސްވުމުގެ ދެލިކޮޕީ ބުނާގޮތުން އެމެރިކާގެ 8 ހާސް ސިފައިންނަށް އަފްޣާނިސްތާނުގެ ގާނޫނުގެ ބޭރުން ޚާއްސަ ރައްކާތެރިކަމަކާއި ހިމާޔަތެއްދޭންޖެހެ އެވެ. އަދި އެމީހުންގެ ފުރާނައަށް ނުރައްކާވާ ކަމަށް ފެންނަ ޙާލަތްތަކުގައި ހަތިޔާރާއެކު އަފްޣާން އާންމުންގެ ގެދޮރަށްވަދެ ބަލައި ފާސްކުރުން ފަދަ ހަރުކަށި އޮޕަރޭޝަންތައް ހިންގުމުގެ ފުރްސަތާއި އެކަމުގެ ހުއްދަވެސް އެމެރިކާ އަށް ދޭންޖެހެ އެވެ.
ކަރުޒާއި ވަނީ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް ވިދާޅުވެ މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފާޅުގައި ދެކޮޅު ހައްދަވައި މިމައްސަލާގައި އެމެރިކާއާ ދެބަސްވެ ވަޑައިގެންފަ އެވެ. މިއާއެކު މިއެއްބަސްވުން މުޖޫދަށް އައުމުގެ ފުރްސަތު ކުޑަކަމަށް އޮބާމާ ދެކެވަޑައިގަންނަވާ ކަމަށް ވައިޓް ހައުސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ކަމަށް ސިފަކުރެވޭ އެމެރިކާ ސިފައިންގެ ލަޝްކަރުތަކުން 12 އަހަރު އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރިއިރު ވެސް އާދައިގެ ހަތިޔާރުން ހަނގުރާމަކުރާ ތާލިބާން ހަނގުރާމަވެރިން ބަލިކުރުމުގައި އެމެރިކާގެ ލަޝްވަރުތައްވަނީ މުޅިން ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)