ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ހޮވިފައިވާ ކައުންސިލަރުން މަގާމުގެ ހުވާކުރަން ފަށައިފި އެވެ.

އެލްޖީއޭން މިއަދު ބުނީ އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ހޮވިވަޑައިގެންފައިވާ ބޭފުޅުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހުވާކުރަން ފަށައިފައިވާ ކަމަށާއި އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ ކައުންސިލަރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ ކަމަށެވެ.

ކައުންސިލަރުން ހުވާކުރުމަށް ފަހު ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތައް ހިންގެވުމާ ހަވާލުވެވަޑައިގެންނަވާނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން އެ ކައުންސިލްތަކަށް ރައީސް އަކާއި ނައިބް ރައީސަކު ހޮވުމުގެ ހޮވުމުގެ ކަންތައްތައް ކުރިއަށް ގެންދާ އެވެ.

އަތޮޅުތަކާއި ކައުންސިލްތަކަށް ހޮވިފައިވާ ބޭފުޅުން މިއަދު މަގާމުގެ ހުވާކުރައްވާއިރު ނުވަ ކައުންސިލެއްގައި ހިމެނިވަޑައިގެންފައިވާ ކައުންސިލަރުން ހުވާކުރައްވާނީ އެ ނުވަ ކައުންސިލްގެ ގާނޫނީ ދައުރު ހަމަވުމުން އަންނަ މަހު ކަމަށް އެލްޖީއޭ އިން ބުންޏެވެ.