ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަން ކްލަބު ބޮރުސިއާ ޑޯޓްމުންޑްގެ ޕޮލެންޑް ފޯވަޑް ރޮބަޓް ލެވަންޑޮސްކީގެ ދެ ލަނޑާ އެކު ރަޝިއާގެ ޒެނިތް ސެއިންޓް ޕީޓަސްބާގް އަތުން 4-2 ލަނޑުން މޮޅުވެއްޖެ އެވެ.

ޒެނިތުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި ޑޯޓްމުންޑުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވެއެވެ. މެޗުގެ ފުރަތަމަ ހަމަލާއިން ހަތަރު ވަނަ މިނެޓްގައި ޑޯޓްމުންޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ އަރުމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތަރިޔަން އެވެ.

މިކިތަރިޔަންގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ މިނެޓެއް ނުވަނީސް ޖަރުމަން މިޑްފީލްޑަރު މާކޯ ރެއުސް ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދިނެވެ. މި ލަނޑު ރެއުސް ކާމިޔާބުކުރީ ކެވިން ގްރޮބްކްރޫޓްސް ދިން ބޯޅައަކުންނެވެ. މެޗުގައި ދެން ފެނިގެންދިޔައީ ޒެނިތުން ލީޑް ހަނި ކުރުމަށް މަސައްކަތްތަކެއް ކުރި ތަނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ލަނޑުން ޑޯޓްމުންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިތާ ބާރަ މިނެޓް ތެރޭ ޒެނިތުން ލަނޑެއް ޖަހާ ލީޑް ހަނިކުރި އެވެ. ޒެނިތުގެ ފުރަތަމަ ލަނޑު އޮލެގް ޝަޓޯވް ކާމިޔާބުކުރިތާ ހަތަރު މިނެޓް ފަހުން ލެވަންޑޮސްކީ ޑޯޓްމުންޑަށް ލަނޑެއް ކާމިޔާބުކޮށް އަލުން ލީޑް ފުޅާ ކޮށްދިނެވެ.

މެޗުގެ 69 ވަނަ މިނެޓްގައި ޒެނިތުގެ ވިކްޓާ ފައިޒޫލިން އަށް ޑޯޓްމުންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލޫކަޒް ޕިޒްޖެކް ކުރި ފައުލަކާއި ގުޅިގެން ޒެނިތަށް ޕެނަލްޓީއެއް ލިބުނެވެ. ޕެނަލްޓީ އިން ޒެނިތުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒެނިތުގެ ބްރެޒިލް ފޯވާޑް ހަލްކް އެވެ.

ޒެނިތުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ހަމަނުޖެހެވި އުޅެނިކޮށް، މެޗުގެ 71 ވަނަ މިނެޓުގައި ޑޯޓްމުންޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ތިންވަނަ ވެސް ކާމިޔާބު ކޮށްދިން ލެވަންޑޮސްކީ އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޮސްކީ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.