26 Feb 2014, 09:36
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޝަހީމް އަލީ ސައީދު ހައްދަވަނީ އިތުރުފުޅު ކަމަށާއި އެހެންވިޔަސް ހައްޖަށް މީހުން ގެންދިޔުމާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުންދާނެ ކަމަށް އޭސީސީ އިން ބުނެފި އެވެ.
އޭސީސީ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ "ދެމަފިރިއެއްގެ މައްސަލަަ ތެރެއަށް ވެސް އޭސީސީން ވަންނާނެ" ކަމަށާއި "ރަނގަޅު ކަންތައްތަކެއްގެ މައްޗަށް ބިނާނުވާ ޝަކުވާތަކެއްގެ ތެރެއަށް އޭސީސީން ވަދެވަޑައިގެން ނުވާނެ" ކަމަށް ޝަހީމް ވިދާޅުވި ކަމަށް މީޑީއާގައި ބުނެފައިވާ ކަމަށެވެ.
"ޝަހީމް އަލީ ސައީދު މި ކޮމިޝަނާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކީ ކަމުގެ ހަގީގަތް ބެލުމެއް ނެތި އާންމު ރައްޔިތުންގެ މެދުގައި ކޮމިޝަނުގެ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި އަމިއްލަ މަސްލަހަތު އިސް ކުރައްވައި ހަގީގަތާ ހިލާފަށް ދައްކަވާފައިވާ ވާހަކަތަކެއް،" އޭސީސީން ބުނެފައިވެ އެވެ. "އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން."
އިސްލާމިކް މިނިސްޓަރަކަށް ހުންނަވައިގެން ޝަހީމް ވާހަކަ ދައްކެވުމަކީ އެ ކޮމިޝަނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އިސްލާމީ ވަހުދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވަޒީރަކު އަމިއްލަ މަސްލަހަތު އިސް ކުރައްވައި މީޑިއާތަކުގައި ހަގީގަތަކާ ހިލާފް އެފަދަ ވާހަކަތަކެއް ދެއްކުމަކީ މި ކޮމިޝަނުން ބަލައިގަންނަ ކަމެއް ނޫން."
ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ކަމުގެ ޝަކުވާ ހުށަހަޅައިފި ނަމަ އެއީ އޭސީސީގެ ގާނޫނުގެ ދަށޫން ކޮމިޝަނުން ބަލަންޖެހޭނެ ކަމެއް ކަމަށާއި ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ އިރު އެއީ އެ ކޮމިޝަނުން އެ މައްސަލަ ބަލަންޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހައްޖަށް މީހުން ގެންދިޔުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއާ ބައްދަލު ކުރުމަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށާއި އެކަމަކު މިނިސްޓްރީން އެކަމަށް އެއްބާރުލުން ދީފައިނުވާ ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ.
"... ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ގާނޫނީ ގޮތުން މި ކޮމިޝަނުގެ މައްޗަށް ލާޒިމް ކުރާ އެންމެހާ ކަންތައްތައް ކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މި ކޮމިޝަނުން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި އަރުވަން،" އޭސީސީ އިން ބުންޏެވެ.
"ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އެ މައްސަލައެއް ރައްދުވާ ފަރާތަކުން އެކަމާ ހިތްހަމަނުޖެހިގެން ކޮންމެ ފަދަ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން."