26 Feb 2014, 09:20
ނާޒިމާ އަލީ، 35، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާތާ މިއީ 16 ވަނަ އަހަރެވެ. އޭނާގެ މަސައްކަތުގައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރެވިއްޖެ އެވެ. ސިއްހީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރުމަށްފަހު މިހާރު ނާޒިމާގެ އަމާޒަކީ ސިޔާސީ ދާއިރާއަށް ނުކުތުމެވެ. އެކަމަކު މި ދާއިރާއަށް އޭނާ ނުކުންނަން ބަލާއިރު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެ އެވެ. ސަބަބަކީ އަންހެނަކަށް ވީތީ އެވެ.
ނާޒިމާއަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެކެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަ ކުރާށެވެ. އެކަމަކު އޭނާ އަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.
"މުޖްތަމައުގައި ތަފާތު ކުރުން އެބަ އޮތް އަންހެނުން ބަލައިގަތުމުގައި. އަންހެނުންނަށް ވީތީވެ ވަކި ކަމެއް ނުކުރެވޭނެއޭ މި ހިޔާލު އަދިވެސް އުޅޭ،" ނާޒިމާ ބުންޏެވެ.
ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ލިބިފައިވާ މިންވަރު މިހާތަނަށް ވަރަށް މަދެވެ. މި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 77 މެންބަރުންގެ ތެރެއިން އަންހެން ބޭފުޅުންގެ އަދަދަކީ އެންމެ ފަހެކެވެ. އެއީ މެންބަރުންގެ ނިސްބަތުން 6.49 ޕަސެންޓެވެ. މިފަހަރުގެ މަޖިލީހުގެ ގޮނޑި އިތުރުކޮށް 85 ދާއިރާއަކަށް ބަހާލާފައިވާއިރު 304 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން ހިމެނެނީ އަންހެން އެންމެ 21 ކެންޑިޑޭޓުންނެވެ. އެއީ 6.90 ޕަސެންޓެވެ. އަނެއް 93.09 ޕަސެންޓް ކެންޑިޑޭޓުންނަކީ ފިރިހެނުންނެވެ.
ހިސާބުތަކަށް ބަލާއިރު އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށްވާ އަންހެނުންނަށް ސިޔާސީ މައިދާނުގައި ފުރުސަތު ލިބިފައިވާއިރު ވަރަށް މަދެވެ.
"މަސައްކަތުގެ މާހައުލުގައި އެކި ބޭފުޅުންގެ ހުންނާނީ އެކި ހުނަރު. ވަކި އަންހެން ނުވަތަ ފިރިހެން ބޭފުޅަކަށް ވެގެނެއް ނޫން. މުޖްތަމައުގައި އަންހެން ބޭފުޅުން ބަލައިގަތުމުގައި ހުރި ތަފާތުތައް ނައްތާލައިފި ނަމަ އަންހެން ބޭފުޅުންނަށް އެކި ރޮނގު ރޮނގުން ކުރިއަރައިގެން ދާނެ ތަން ފެންނާނެ،" ނާޒިމާ ބުންޏެވެ.
ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަންހެނުންގެ ހައްގަށް މަސައްކަތް ކުރައްވަމުން އަންނަ އަނީސާ އަހުމަދު ވިދާޅުވީ އިންތިހާބު ކުރެވޭ ހުރިހާ މަގާމަކަށް ވެސް އަންހެނުންގެ ހިއްސާ ބޮޑުވުން ވަރަށް މުހިންމު ކަމަށާއި އޭގެ ސަބަބުތައް ވެސް ގިނަ ކަމަށެވެ.
"އިންތިހާބު ކުރެވޭ ހުރިހާ މަގާމެއްގައި ވެސް އަންހެނުން ތިބުން ވަރަށް މުހިންމު. ސަބަބުތައް ވަރަށް ގިނަ. އެންމެ ބޮޑު އެއް ސަބަބަކީ އަންހެނުންނަކީ އާބާދީގެ ދެބައި ކުޅަ އެއްބައި. އާބާދީގެ ވަރަށް ބޮޑު ބަޔަކީ އަންހެނުން،" އަނީސާ ވިދާޅުވި އެވެ.
އަނީސާ ވިދާޅުވީ އަންހެނުންގެ ބައިވެރިވުމާ ނުލައި އަންހެނުންނާ ގުޅޭ މައްސަލަތައް ނިންމުމުން އޭގެ ނަތީޖާ މިހާތަނަށް ފެނިފައި ވަނީ ގޯސްކޮށް ކަމަށެވެ.
"އަންހެނުންގެ އިހްސާސްތައް އެންމެ ބޮޑަށް އެނގޭނީ އަންހެނުންނަށް. ގިނަ ފަހަރު ވާ ގޮތަކީ އަންހެނުން ބައިވެރިނުވެ ނިންމާ ނިންމުންތަކުގެ ސަބަބުން އަންހެނުންގެ ބޭނުންތަކަށް ނުވިސްނި އަންހެނުން ދަށްވާ ގޮތަށް ނިންމެނީ،" އޭނާ ވިދާޅުވި އެވެ.
އަނީސާ އެ ވިދާޅުވި ގޮތަށް މިހާރު ވެސް މަޖިލީހުގެ ތެރެއިން ކަންތައް ހިނގާފައި އެބަ ހުއްޓެވެ.
"މިސާލެއް ދަންނަވާ ނަމަ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހެއް. ކުޑަކުދިންގެ ކާނާ އާއި ދުވަސްވީ މީހުންނަށް ބޭނުންވާ ބައެއް ތަކެއްޗާއި މިހެން ގޮސް ވަރަށް ގިނަ ތަކެތީގެ ޑިއުޓީ ކުޑަ ކުރީ. އެކަމަކު ކޮންމެ އަންހެން ބޭފުޅަކަށް ވެސް ބޭނުންވާ އެއްޗެއް ޕެޑްއަކީ. އެއާމެދު އެއްވެސް ބޭފުޅަކު ވިސްނަވާފައެއް ނެތް."
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާފައި އޮތް ގޮތަށް ބަލާ ނަމަ ސިޔާސީ މައިދާނަށް އަންހެނުން ނުކުތުމުގައި ހުރަހެއް ނެތެވެ. އެކަމަކު އަމަލީ ގޮތުން އަންހެނަކު މިފަދަ ކަމަކަށް ކުރިމަތިލައިފި ނަމަ އެތައް ގޮތަކުން ދަތިތަކެއް ކުރިމަތިވާ ކަމެވެ.
"ގާނޫނީ ނިޒާމުގެ ތެރެއިން އަންހެން ބޭފުޅުން ވާދަ ކުރުމުގައި ހުރަހެއް ނެތް. އެހެންނަމަވެސް އަމަލީ ގޮތުން ބަލާއިރު ހުރަސްތަކެއް އެބަހުރި. އަންހެނުން ނަގަންޖެހޭ އާއިލީ ޒިންމާ ވެސް ބޮޑު. ދަރިން ދޫކޮށްލާފައި މިކަހަލަ ކަމެއްގައި ނުކުމެ އުޅެން އަންހެނުންނަށް ވަރަށް އުނދަގޫވާނެ މިކަމަށް އެހީތެރިކަމެއް ނުލިބޭ ކަމަށްވާ ނަމަ. ފިރިހެނުންނަކަށް ނުވާނެ އެހެނެއް. އަބަދުވެސް ކޮންމެވެސް އެކަކު ހުންނާނެ އަނބިމީހާ ނުވަތަ މަންމަ ނަމަވެސް،" އަނީސާ ވިދާޅުވި އެވެ.
ހަމައެކަނި އެ މައްސަލަތަކެއް ވެސް ނޫނެވެ. ކުރީގެ ބަންޑާރަ ނައިބު އަދި ސިޔާސީ އިސް ސަފުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން އަންނަ ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ސިޔާސީ ފްރަންޓް ލައިނުގައި އުޅުމާއި ދޫ ހެލޭ މީހަކަށްވުމަކީ އިންތިހާބަކަށް ނުކުންނަ އިރު މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މުޖްތަމައުގައި އަންހެނުން ބަލައިގަންނަނީ މަޑުމައިތިރި ބައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޖްތިމާއީ ގޮތުން ބަލާއިރު ވެސް ބައިވަރު ސަބަބުތައް އެބަހުރި އަންހެނުންނަށް ދަތިތަކެއް ކުރިމަތިވާ. އެއް ކަމަކީ ދޫ ހެލޭ ސިޔާސީ ފްރަންޓް ލައިނުގައި އުޅޭ މީހަކަށްވުން. އެކަމަކު މުޖްތަމައުގައި ހިނގާ ފިކުރަކީ ހުތުރު ކަމަކަށްވެފައި މި އޮންނަނީ އަންހެނުން އެގޮތަށް އަޑުގަދަކޮށް އުޅުން. މަޑުމައިތިރި ބައެއްގެ ގޮތުގައި އަންހެނުން މި ބަލައިގަންނަނީ،" ދިޔާނާ ވިދާޅުވި އެވެ.
އަނެއްކަމަކީ ފައިސާގެ ބާރުވެރިކަމެވެ.
"އެނގިވަޑައިގަންނަވާނެ ފައިސާގެ ބާރުވެރިކަމަކީ ވެސް ސިޔާސީ މައިދާނުގައި މުހިންމު އެއްޗެއް. އެކަމަކު ވަރަށް މަދު ފަހަރަކު މި ފެންނަނީ އަންހެނުން އެގޮތަށް ބާރުވެރިވާ ތަން،" އޭނާ ވިދާޅުވި އެވެ.
އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި އިތުރު ކުރެވޭނެ ގޮތަކީ ކޮބައިތޯ އެވެ؟ މިކަމުގައި ދިޔާނާ ދެ ވިސްނުމެއް ގެންގުޅުއްވަ އެވެ.
"އަޅުގަނޑުމެނަށް ވުރެ ކުރިއަރާފައިވާ ގައުމުތަކުގައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމުގައި މައްސަލަތަކެއް އެބަ އުޅޭ. އަޅުގަނޑަށް ފެންނަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަންހެނުންނަށް ލިބޭ ފުރުސަތުތައް ޕާޓީތަކުން ވޮލަންޓަރީކޮށް އިތުރު ކުރުން. އެހެން ނޫނީ ގާނޫނީ ގޮތުން އެކަން ސިޔާސީ ޕާޓީތަކަށް ލާޒިމް ކުރުން،" ދިޔާނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އާބާދީގެ އަންހެނުންނަކީ ބޮޑު ހިއްސާއެއްވާ ބައެކެވެ. އަންހެނުންނާ ނުލައި ތަރައްގީގެ މައްސަލަތަކަށް ސައްލާ ކުރާ ނަމަ އެއީ އަޅުގަނޑުމެން ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ. މަޑުމަޑުން ނަމަވެސް ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުސަތު ދޭންޖެހެ އެވެ. ކުރިއަށް މި އޮތް މަޖިލީހުގެ އިންތިހާބަކީ އަންހެނުން ސިޔާސީ ގޮތުން ބާރުވެރި ކުރުވުމަށް ރައްޔިތުންނަށް އޮތް ފުރުސަތެކެވެ. މިކަމުގައި ގޮތެއް ނިންމާނީ ރައްޔިތުންނެވެ.