މިހާރަށް ވުރެ ގިނައިން ބައްޕައިންނަށް ގޭގައި އުޅެވޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާއަށް ކުރިމަތިލައްވާފައިވާ އިބްރާހީމް ޝަރިފާއި ދިއްދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަހުމަދު ހާޝިމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި އެއްވުމެއްގަ އެވެ.

"... ބައްޕަ ނެތި އާއިލާއެއް ބިނާކުރެވޭނެ ގޮތެއް ފިތުރަތުގެ އުސޫލަކު ނުވޭ. އާއިލާއަކީ އަންހެނަކާ ފިރިހެނަކު އެކުވެގެން އުފައްދައި ބިނާކުރާ އެއްޗެއް. ތަރައްގީގެ ނާރެސް އަކީ އާއިލާ، . ގެ ފައްކާވެގެން، ގެ ރަނގަޅުވެގެން ނޫނިއްޔާ ރަށެއް ރަނގަޅެއް ނުވާނެ. ރަށް ރަނގަޅުވެގެން ނޫނީ ރާއްޖެ ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންނަށް ، ބައްޕައިންނަށް ގޭގައި އުޅެވޭނެ ކޮންމެވެސް ގޮތެއް އެބަ ހޯދެން ޖެހޭ މިހާރަށް ވުރެ ގިނައިން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މަހަކު އެއް ފަހަރު އެއް ދުވަހަކަށް ނުވަތަ ތިން މަހުން އެއް މަހު އެއް ދުވަހަށް ބައްޕަޔަށް ގެއަށް އާދެވޭ ގޮތަށް އޮވެގެން ރާއްޖެ ބިނައެއް ނުކުރެވޭނެ ކަމަށެވެ. ރާއްޖޭން އަދިވެސް ފެންނަމުން ދަނީ އެހެން ގައުމުތަކުގައި ކިރިޔާ އަޅުވެތިކަމުން އަރައިގަތް ދުވަސްވަރު ފެންނަމުން ދިޔަ ފަދަ މަންޒަތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށްރަށުގައި ހަތަރު ފަސް އަހަރަށްދާ ކުޑަ ކުއްޖަކު ގޮވައިގެން އެކަނި އުޅޭ ވިހި ފަންސަވީސް އަހަރުގެ އަންހެނުން ތިބޭ ކަމަށާއި އެގޭގޭގައި ފިރިހެނަކު ނުތިބޭ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވި އެވެ.

ނަޝީދު އަދި ވިދާޅުވީ "ތިލަފަތް" ކުރަން އުޅޭ ކަމަކީ ރާއްޖެ ބަދަލުކުރުމަށް ބޭނުންވާ ގާނޫނުތަކާއި އުސޫލުތަކާއި އާދަތައް ރާއްޖެއަށް ތައާރަފް ކުރުން ކަމަށެވެ.

"... އަޅުގަނޑުމެންނަކަށް ދެނެއް ދޫކޮށްލާފައެއް ނުތިބެވޭނެ. ތިލަފަތް ކުރާން މިއުޅޭ ކަމަކީ މިރާއްޖެ ބަދަލުކުރުމަށް ބޭނުންވާ ގާނޫނުވެސް، އުސޫލުތައް ވެސް، ހަމަތައް ވެސް، އާދަތައް ވެސް އަޅުގަނޑުމެން ރާއްޖެއަށް ތައާރަފްކުރުން. ތިލަފަތަށް ވޯޓެއް ދެއްވަންވީ އެވެނި ސަބަބަކާ މިވެނި ސަބަބަކާ އެކަންޏެއް ލައިގެންނެއްނޫން. މުޅި ޖުމްލަ ކަމަކަށް. އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ އެންމެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ނަޝީދު މިރޭ ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ މިރޭ އެކޯޓަށް ވަރުގަދަ އިންޒާރުތަކެއް ވެސް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ވެސް އެތި ފަހަރެއް އަންނާނެ ކަމަށެވެ.

"... ސުޕްރީމްކޯޓުގެ އިއްޒަތްތެރި ފަނޑިޔާރުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ. ރާއްޖޭގެ ރައްޔިތުންނެއް މާފެއް ނުކުރާނެ. އަދި ހީފުޅުނުކުރައްވާތި ރާއްޖޭގެ ރައްޔިތުން ހިތްވަރު އެލިއްޖެ ކަމަށް. ނޫން ، އެރައްޔިތުން މަގުމައްޗަށް ނުކުންނާން ޖެހުނީމާ މަގުމައްޗަށް ވެސް ނުކުންނާނެ. އަދި އެހެން ތަންތަނަށް ދާން ޖެހުނީމާ އެހެން ތަންތަނަށް ވެސް ދާނެ. އަޅުގަނޑުމެންގެ އިންތިހާބު ހުއްޓާލުމަށް ތިޔަބޭފުޅުން ނިންމަވައިފި ނަމަ، ހަނދުމަފުޅު ބަހައްޓަވާތި ހަމަ މިފަސްގަނޑުގައި ކަން އަޅުގަނޑުމެން ވެސް ދިރިއުޅެނީ،" ނަޝީދު ވިދާޅުވި އެވެ.