ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރުމުން އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މާފުށީ ޖަލުން މާލޭ ޖަލަށް ގެނެސްފި އެވެ.

ޖާބިރު މާލޭ ޖަލަށް ގެނައީ މިރޭ 10:30 އެހާކަންހާއިރު އެވެ. ހުކުމް ކުރިތާ ފަސް ދުވަސް ފަހުން މާފުށީ ޖަލުން، މާލޭ ޖަލަށް އޭނާ ގެނައީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު "ސަން"އަށް މިރޭ ވިދާޅުވީ ފިލިކަލުން ކުއްލި ގޮތަކަށް މާލެއަށް ގެންނަން ޖެހުނު ސަބަބެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް މާފުށީ ޖަލުގެ ގޮޅީގައި ޖާބިރު އިންނެވިއިރު، "ނޭވާ ހާސްވެގެން" ގޮޅިން ނެރުނު ހަބަރު "ކުރިން ރެއަކު" ލިބިވަޑައިގެންނެވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގެ ކުޑަކޮޅިގެއްގައި ޖާބިރު އިންނަވަނީ ގައިދީންނާ އެކަހެރިކޮށް ގިނިކަންޏާ އެވެ. ނަމަވެސް ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަށް ގެންނަ ބައެއް ގައިދީން ބައިިތިއްބަވީ ގައިދީންނާއެކުގަ އެވެ.

ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ ނޮވެމްބަރު 16، 2012 ގައި ހދ. ހޮނޑައިދޫގައި ޖާބިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން، ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން، ކަނޑައެޅިގެން ޖާބިރު އިންކާރުކޮށްފައިވާކަން، ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިނަމަވެސް، އޭނާގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އަދި އަންނަ މަހު 22 ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ވާދަ ވެސް ކުރެވޭނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަމްބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރި ކަމަށް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވާނަމަ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި މަޖިލީހުގެ މެމްބަރަކަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.