ސްޓްރައިކަރުންނަށް ފާޑުކިޔައި ޗެލްސީގެ ކޯޗު ފޯނު މެދުވެރިކޮށް ރައްޓެއްސަކާއެކު ދެއްކި ވާހަކަތަކެއް ފްރާންސްގެ ޓީވީ ޗެނަލަކުން އާންމު ކުރުމުމުން ހޯޒޭ މޮރީނިއޯ ރަތަށް އަރައިފި އެވެ.

މޮރީނިއޯ ބުނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސްވިޒަލޭންޑުގައި ހުރެގެން އޭނާގެ ރައްޓެއްސަކާ ދެމެދު ދެކެވުނު ވާހަކައެއްގައި ޗެލްސީގެ ސްޓްރައިކަރުންނަށް ފާޑުކިޔައި ދެއްކި ވާހަކަތަކެއް ފްރާންސްގެ ބްރޯޑްކާސްޓާއެއް ކަމަށްވާ ކެނަލް ޕްލަސް އިން އާންމު ކުރި ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެއީ މީޑީއާތައް ލަދުގަންނަން ޖެހޭ ކަމެއް ކަމަށް މޮރީނިއޯ ބުންޏެވެ.

"އެއީ ފުޓްބޯޅާއާ އެއްވެސް ގުޅުމެއް ނެތް ރައްޓެއްސަކާ މަޖަލަކަށް ދެކެވުނު ވާހަކަތަކެއް،" މޮރީނިއޯ ބުންޏެވެ. "އެއީ އެކަން ކުރި މީހަކު ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް، ބަޔަކު ދެއްކި ވާހަކަތަކެއް އެގޮތަށް ޓެޕް ކުރުމަކީ."

ފްރާންސްގެ ޓީވީ ޗެނަލްއިން ދެއްކި ވީޑިއޯގައި މޮއީނިއޯ ބުނަނީ، "ޗެލްސީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ސްޓްރައިކްރުން މަދުވުން. ޓީމުގައި އެޓޫ އެބަހުރި. އެކަމަކު އެޓޫއެއީ މިހާރު 32 ނުވަތަ 35 އަހަރު، އަހަންނަށް ޔަގީނެއް ނޫން."

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބުރާސްފަތި ދުވަހުގެރޭ ތުރުކީގެ ގަލަތަސަރާއީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި މޮރީނިއޯ ބުނީ، އެޓޫއާ ބެހޭގޮތުން އެފަދަ ވާހަކައެއް ރަސްމީ ގޮތެއްގައި ނުވަތަ ސީރިއަސް ގޮތަކަށް އޭނާ ނުދައްކާނެ ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެ ކޮމެންޓަކީ ރަނގަޅު ކޮމެންޓެއް ނޫން. އަދި އަހަރެން ސީރިއަސްކޮށް ނުވަތަ އޮފިޝަލް ގޮތަކަށް ކުރާނެ ކޮމެންޓެއްވެސް ނޫން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، އެޓޫއަކީ އޭނާއާ އެކު މިހާތަނަށް މަސައްކަތްކުރި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށެވެ. އަދި ދެ ކުލަބެއްގައި އޭނާއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާ މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.

މިދިޔަ ސަމާ ޓްރާންސްފާގައި ރަޝިޔާގެ އާންޒީ އިން ޗެލްސީއަށް ބަދަލުވުމުގެ ކުރިން އުމުރުން 32 އަހަރުގެ އެޓޫ ވަނީ، މޮރީނިއޯއާއެކު އިޓަލީގެ އިންޓަ މިލާންގައި ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕާއި އިޓަލީ ލީގު ކާމިޔާބުކޮށްފަ އެވެ.

ޗެލްސީގެ ތިން ފޯވާޑުންނަށް ބަލާއިރު، މިސީޒަންގައި 27 މެޗު ކުޅެގެން އެޓޫއަށް ޖެހިފައިވަނީ އެންމެ 8 ލަނޑެވެ. ފެނާންޑޯ ޓޮރޭޒް، 26 މެޗު ކުޅެގެން 8 ލަނޑު ޖަހާފައިވާއިރު ސެނެގާލް ފޯވާޑް ޑެމްބާ ބާއަށް 18 މެޗު ކުޅެގެން ކާމިޔާބުކުރެވިފައި ވަނީ، އެންމެ ތިން ލަނޑެވެ.

މޮރީނިއޯ ބުނީ، ދުނިޔޭގެ ކްލަބެއްގައި، ކޯޗަކު ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކާނަމަ އެކަން ކުރާނޭ އެންމެ ފުރަތަމަ ކޯޗަކަށް އޭނާ ވާނެ ކަމަށެވެ. އެހެން ކަމުން، އޭނާގެ ރައްޓެއްސަކާ އެކު ސިއްރިޔާތުގައި ދެއްކި ވާހަކަތަކެއް ވަގަށް އަޑުއަހައިގެން ބަޔަކު ހިންގާފައިވަނީ ވަރަށް ދަށުދަރަޖައިގެ ޖަރީމާއެއް ކަމަށް މޮރީނިއޯ ސިފަކުރި އެވެ.