އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް މިއަދު ހަވީރު ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ނިއު އިން ދެއްކި މޮޅު ކުޅުމާމެދު ހައިރާންވި ކަމަށް ހޯމް ޔުނައިޓެޑްގެ ކޯޗު ލީ ސިމް ސައެންގް ބުނެފި އެވެ.

ދެވަނަ ހާފްގެ ބޮޑު ބައެއް ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ހޯމް ޔުނައިޓެޑް އަތުން 1-0 ލަނޑުން މޮޅުވި މި މެޗުގައި ނިއުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރު އެވެ. ނިއު އަށް މި ޕެނަލްޓީ ލިބުނީ ދެ ވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ނިއުގެ ސެންޓޭ އަށް ހޯމް ޔުނައިޓެޑުގެ ގޯލްކީޕަރު ޝަހުރީލް ކުރި ފައުލާއި ގުޅިގެންނެވެ. މި ފައުލާއި ގުޅިގެން ޝަހުރީލް އަށް ރަތް ކާޑު ވެސް ދައްކާފައި ވެއެވެ.

މި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހޯމް ޔުނައިޓެޑުގެ ކޯޗު ލީ ބުނީ، ރާއްޖޭގެ ކުޅުންތެރިންނަކީ ވަރަށް މަސައްކަތްކުރާ ކުޅުންތެރިން ކަމަށާއި، ނިއު އިން ދެއްކި ކުޅުމާއި މެދު ހައިރާންވާ ކަމަށެވެ.

"ނިއުއިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެކަމުން އަހަރެންނަށް ބޮޑު ހައިރާންކަމެއް ލިބިފަ މިހިރީ." ހޯމް ޔުނައިޓެޑްގެ ކޯޗު ބުންޏެވެ. "އެ ޓީމުން ދެއްކީ ވަރަށް ތަފާތު ކުޅުމެއް. ރާއްޖޭގެ ކުޅުންތެރިންނަކީ ވަރަށް މަސައްކަތްކުރާ ކުޅުންތެރިން. މިއީ ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން އަހަރެންނަށް ފެނުނު ފުރަތަމަ ފަހަރު. އަހަރެން ހުރީ ހައިރާންވެފަ."

ހޯމް ޔުނައިޓެޑްގެ ގޯލްކީޕަރަށް ރަތް ކާޑާއެކު، ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުމުން އެޓީމަށް ދަތިތަކެއް ކުރިމަތިވި ކަމުގައި ލީ ބުނެފައި ވެއެވެ.

"ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން." ލީ ބުންޏެވެ. "ރަތް ކާޑު ދައްކަން ޖެހުނު ހާދިސާ އެއް އަހަރެންނަކަށް ރަނގަޅަކަށް ނުފެނޭ. އަހަރެން ޖެހޭނީ އޭގެ ރީޕްލޭ ބަލަން. ނަމަވެސް ފުޓްބޯޅަ ކޯޗެއްގެ ހައިސިއްޔަތުން ރެފްރީގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭނެ."

ގްރޫޕް އީ ގެ އަނެއް މެޗުގައި އިންޑިއާގެ ޗާޗިލް ބްރަދާސް އަތުން އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ މޮޅުވީ 2-0 ލަނޑުންނެވެ. މި މުބާރާތުގައި ހޯމް ޔުނައިޓެޑް ދެން ނުކުންނަން ޖެހޭނީ ޕެރްސިޕޫރާ އާއި ދެކޮޅަށެވެ. ސިންގަޕޫރުގައި ކުޅޭ މިމެޗު ކުޅޭނީ އަންނަ މަހު އެގާރަ ވަނަ ދުވަހު އެވެ.