25 Feb 2014, 21:47
ދިވެހި ސަރުކާރާ ހިއްސާވެގެން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އިން ފަށައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ވައުދު ވެވަޑައިގެންފައިވާ ފަދައިން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރަކު 10 ރިސޯޓު ހުޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރިސޯޓުތައް ތަރައްގީ ކުރުމަށް ޝައުވެރިވާ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނާގޮތުން، "ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކީ ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތަކަށް" ވާންޖެހޭނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ، ސަރުކާރު ހިއްސާވާގޮތަށް ރިސޯޓުތައް ތަރައްގީ ކުރުމަށް ނިންމީ، އަމިއްލަ ފަރާތްތަކަށް މިހާރު ވެސް ރިސޯޓު ތަރައްގީ ކުރުމަށް ވަރަށް ގިނަ ރަށްތައް ދޫކުރެވިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން ދަނީ އެރަށްތައް ތަރައްގީ ނުކޮށް އެހެން ފަރާތްތަކަށް ކުއްޔަށް ދެމުން ކަމަށެވެ.
އަދީބު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބަލާއިރު އިތުރު އެނދުތައް ބޭނުންވާ ކަމަށެވެ. އަދި މުސްތަގުބަލުގައި އިތުރު ރިސޯޓުތަކެއް ތަރައްގީކޮށްގެން މެނުވީ، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރެވެން ނެތްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާގޮތުން، ސަރުކާރާ ހިއްސާވެގެން ރިސޯޓު ހަދަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި، އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ރިސޯޓު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކާއެކު ސަރުކާރު ހިއްސާވެގެން ރިޒޯޓް ތަރައްގީކުރުމަށް ނިންމައިފނަމަ އެފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.