19 Dec 2010, 11:45
ދުބާއީ އެއާޕޯޓް ތެރެއަށް ވެއްޓިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް [އެމްއެންއެސްއެލް]ގެ "މޯލްޑިވް އެންޓަޕްރައިސް"ގެ ފަޅުވެރިޔާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) މިއަދު ވިދާޅުވީ އެފްރިކާގެ މަލަބޯ ބާޓާގައި އޮތް އެ ކުންފުނީގެ "މޯލްޑިވް އެންޓާޕްރައިސް"ގެ ފަސް ފަޅުވެރިއަކު މާލެ އައި މަގުމަތީގައި ސިއްހީ ހާލަތު ގޯސްވެން ޑުބާއީ އަލް ރާޝިދު ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ މިއަދު ކަމަށެވެ.
ސެންކޯ ޝަރީފު ވިދާޅުވީ ގައުމީ ބޯޓް ކުންފުނީގެ "މޯލްޑިވް އެންޓަޕްރައިސް"ގެ ފަޅުވެރިޔާ ހުރީ އެމިރޭޓްސް އެއާލައިންގެ ހަރަދުގައި ޑުބާއީގެ ހޮޓަލެއްގައި ކަމަށާއި އެ މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން ދެ ދުވަސް ވަންދެން ހޮޓަލުގައި މަޑުކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ވުމާއެކު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ އޭނާ މާލެ އަންނާނެ ކަމަށް ވެސް ސެންކޯ ޝަރީފު ވިދާޅުވި އެވެ.
އެމްއެންއެސްއެލްގެ ބޯޓްގެ ފަޅުވެރިޔާ ދުބާއީ އެއާޕޯޓް ތެރެއަށް ވެއްޓެން ދިމާވި ސަބަބާ ބެހޭ ގޮތުން އެ ފަޅުވެރިޔާގެ އާއިލާއާ ހަވާލާދީ އެއްއެންއެސްއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާއަކީ އާންމުކޮށް ވެސް ސިއްހީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި އެއާޕޯޓް ތެރެއަށް ވެއްޓެން ދިމާވީ "ސައިކޮލޮޖިކަލް" މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
އެފްރިކާގެ މަލަބޯ ބާޓާގައި އޮތް މޯލްޑިވްސް އެންޓަޕްރައިސްގެ 19 ފަޅުވެރިންގެ ތެރެއިން ހަތަރު ފަޅުވެރިއަކު ވަނީ މިދިޔަ ހޯމަ ދުވަހު މާލެ އައިސްފަ އެވެ.
ގައުމީ ޝިޕިން ކުންފުންޏަށް މިހާރު އާމްދަނީ ވަންނަ ހަމައެކަނި ބޯޓް، މޯލްޑިވްސް އެންޓަޕްރައިސްގެ އިންޖީނު ހަލާކުވެ މަލަބޯ ބާޓާގައި އޮންނަތާ ތިން މަސްވެފައިވެފައިވާ އިރު، އަދިވެސް އެ ބޯޓް އިންޖީނު ހެދުމުގެ މަސައްކަތް އެމްއެންއެސްއެލްއިން ދަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ސެންކޯ ޝަރީފު ވިދާޅުވީ މިހާރު ބޯޓް އިންޖީނު ހުއްޓުމަށް މެދުވެރިވި"ޓާބޯ ޗާޖަރު" މަރާމާތުކޮށްފައިވާ ކަމަށާއި ނަމަވެސް ކުދިކުދި ޓެކްނިކަލް މައްސަލަތަކެއް އިންޖީނުގައި ހުރުމުން ބޯޓްގެ ދަތުރުތައް ނުފެށި ލަސްވަނީ ކަމަށެވެ.