25 Feb 2014, 21:44
އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް މިއަދު ހަވީރު ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ނިއު އިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމުގައި އެކްލަބުގެ ސްޕެއިން ކޯޗް އެންހެލް ގާސިއާ ޕެރޭޒް ބުނެފި އެވެ.
ދެވަނަ ހާފްގެ ބޮޑު ބައެއް ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ހޯމް ޔުނައިޓެޑް އަތުން 1-0 ލަނޑުން މޮޅުވި މި މެޗުގައި ނިއުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރު އެވެ. ނިއު އަށް މި ޕެނަލްޓީ ލިބުނީ ދެ ވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ނިއުގެ ސެންޓޭ އަށް ހޯމް ޔުނައިޓެޑުގެ ގޯލްކީޕަރު ޝަހުރީލް ކުރި ފައުލާއި ގުޅިގެންނެވެ. މި ފައުލާއި ގުޅިގެން ޝަހުރީލް އަށް ރަތް ކާޑު ވެސް ދައްކާފައިވެ އެވެ.
މި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕެރޭޒް ބުނީ، ހޯމް ޔުނައިޓެޑަކީ ސިންގަޕޫރުގެ އެންމެ މޮޅު ޓީމު ކަމަށާއި އެ ޓީމާ ދެކޮޅަށް ނިއު އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
"އިދިކޮޅު ޓީމަކީ ސިންގަޕޫރުގެ އެންމެ މޮޅު ޓީމު، އެހެންވުމުން މެޗުން މޮޅުވުމަށް އުނދަގޫތަކެއް ހުންނާނެ." ނިއުގެ ކޯޗު ގާސިއާ ބުންޏެވެ. "މެޗުގައި ޓީމުން ރަނގަޅު ކުޅުމެއް ދެއްކި. ލިބެންޖެހޭ ޕެނަލްޓީތަކެއް ނިއު އަށް ލިބިފައެއް ނުވޭ. އަދި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ލިބުނު، ނަމަވެސް މުހިންމީ ނަތީޖާ."
ދާދި ފަހުން ނިއު އާއި ގުޅުނު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު ރަޝީދު (ހޮކޭ) ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމުގައި ޕެރޭޒް ބުނެފައިވެ އެވެ. "ފަހުން ޓީމާ ގުޅުނު އާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ. މި މެޗުގައި ބޮންޑާ އަދި ހޮކޭ ދެއްކީ ވަރަށް މޮޅު ކުޅުމެއް." ޕެރޭޒް ބުންޏެވެ. "ހާއްސަކޮށް ބޮންޑާގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނުނު. އަދި އެމޭ އާ އެކު ބޮންޑާ ވަރަށް ރަނގަޅަށް ކުޅުނު. ޓީމުގައި ހޭދަކުރި ދިހަ ދުވަހަށް ފަހު، ބޮންޑާގެ ފަރާތުން ވަރަށް ހިތްހަމަ ޖެހޭ ކުޅުމެއް ފެނުނު."
މިއަދު ކުޅުނު މެޗުގައި ހޯމް ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހޯމް ޔުނައިޓެޑުގެ ކިއުލީ އަށް އަކްރަމް އަބްދުލްޣަނީ ފައުލް ކުރުމާއި ގުޅިގެން ހޯމް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ. އިމްރާނާއި ބެހޭ ގޮތުން ޕެރޭޒް ބުނީ، އެއީ އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ގޯލްކީޕަރު ކަމަށެވެ.
"އަހަރެން ކުރިން ވެސް ބުނި ފަދައިން އެއީ އަހަރެންނަށް އޭޝިއާގެ އެންމެ މޮޅު ގޯލްކީޕަރު." ޕެރޭޒް ބުންޏެވެ. "މި ޕެނަލްޓީގެ ސަބަބުން އަކޫ ދެރަވި، ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް އަހަރެން އޭނަ ކައިރީ ބުނިން."
ޔޫތު ޗެމްޕިއަންޝިޕްގައި ނިއުގެ ޒުވާން ޓީމުން ވިދާލި އޭދަފުށި ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ގެ ކުޅުން ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުން ފެނިފައިވެ އެވެ. ހަމްޕު އާއި ބެހޭގޮތުން ގާސިއާ ބުނީ، ހަމްޕު އަށް ވަގުތު ބޭނުންވާ ކަމަށާއި އޭނާ ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންނެވެ. "ހަމްޕު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި،" ގާސިއާ ބުންޏެވެ. "އޭނާ އަށް ވަގުތު ބޭނުންވޭ. ޓީމާއެކު އޭނާ ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން."
ގްރޫޕް އީ ގެ އަނެއް މެޗުގައި އިންޑިއާގެ ޗާޗިލް ބްރަދާސް އަތުން އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ މޮޅުވީ 2-0 ލަނޑުންނެވެ. މި މުބާރާތުގައި ނިއު އިން ދެން ނުކުންނަން ޖެހޭނީ ޗާޗިލް ބްރަދާސް އާއި ދެކޮޅަށެވެ. ރަށުން ބޭރުގައި ނިއު މިމެޗު ކުޅޭނީ އަންނަ މަހު އެގާރަ ވަނަ ދުވަހު އެވެ.