އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވިއެޓްނާމްގެ ހެނޯއީ ޓީ އެންޑް ޓީއާ ދެކޮޅަށް ރަށުން ބޭރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗުން 5-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުން މާޒިޔާ ބަލިވެއްޖެ އެވެ.

ވިއެޓްނާމްގެ ހެނޯއީގެ ހޭންގް ޑޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހެނޯއީގެ މިޑްފީލްޑަރު ޔެން ވާން ކުޔެޓް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި ހެނޯއީއަށް މާޒިޔާގެ ގޯލް ހުޅުވާލަ ދިނީ، ކުޔެޓް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ އަހްމަދު ނާޝިދު (ނާއްޓެ) ވަނީ 43 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ހެނޯއީގެ ދެވަނަ ލަނޑު 75 ވަނަ މިނިޓުގައި އެޓީމަށް ޖަހައި ދިނީ ކުޔެޓް އެވެ. އަދި ތިން ވަނަ ލަނޑު އޭގެ ދެމިނިޓް ފަހުން މިޑްފީލްޑަރު ގޮކް ޑައި ކާމިޔާބުކޮށްދިން އިރު، ކުޔެޓް ވަނީ 84 ވަނަ މިނިޓްގައި އެޓީމުގެ ހަތަރު ވަނަ ލަނޑު އަދި އޭނާގެ ހެޓްރިކް ލަނޑު ކާމިޔާބުކޮށްފަ އެވެ. ހެނޯއީގެ ފަހު ލަނޑު 88 ވަނަ މިނިޓުގައި ޖަހައިދިނީ އޭގެ ދެ މިނިޓް ކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ފަމް ވެންތަން އެވެ.

މުބާރާތުގައި މާޒިޔާ ކުޅެންޖެހޭ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 11ގަ އެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ އެ މެޗުގައި މާޒިޔާ ވާދަކުރާނީ މެލޭޝިޔާގެ ސެލަންގޯއާ އެވެ.