ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިނިވަންކަން ކަށަވަރުކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޖަމާއަތުން މިކަމަށް ގޮވައިލީ ސުޕްރީމްކޯޓުން އަމިއްލައަށް އިސްނަގައިގެން އީސީގެ މެމްބަރުން އެ ކޯޓަށް ހާޒިރުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

" ...ބައިނަލް އަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އިންސާވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ޝަރުއީ ކަންތައްތައް ކުރިއަށް ގެންދިއުމުގެ މުހިއްމުކަން އީޔޫގެ ޑެލެގޭޝަނުން އަނެއްކާވެސް ފާހަގަކުރެ އެވެ. އަދި ޝެޑިއުލްކޮށްފައިވާ ގޮތަށް މާޗް 22 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ޓަކައި، މަޖިލިސްގެ އިންތިހާބަށް ދާއިރުގަޔާއި އިންތިހާބުގެ ތެރޭގައި ވެސް އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވައިލަ އެވެ،" އީޔޫގެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކުރި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އެ ކޯޓަށް ހާޒިރުކުރުމަކީ ކޮމިޝަންގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި ބާރުތައް ވަކިކޮށްފައި އޮތް އޮތުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ގެއްލުންވާނެ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެކަން އީޔޫއިން ފާހަގަކުރަނީ ކަންބޮޑުވުމާ އެކުގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ރަނގަޅު ކަމަށް ބުނެ އީޔޫއިން އިލެކްޝަންސް ކޮމިޝަނަށް ކޮށްފައިވާ ތައުރީފު މިފަހަރުގެ ބަޔާނުގައި ވެސް ތަކުރާރުކޮށްފައިވެ އެވެ.