25 Feb 2014, 17:17
ކޮންސްޓްރަކްޝަންގެ މަސައްކަތުގައި އެންމެ ފުންނާބު އުސް އެއް ކުންފުނި، "ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން" (އެޗްއާރުސީ) އިން ގއ. ދިގުރަށުގައި ރިސޯޓެއް ތަރަށްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެޗްއާރުސީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވީ 2.2 ބިލިއަން ރުފިޔާގެ އެ ރިސޯޓް ތަރައްގީ ކުރަނީ ސިންގަޕޫރުގެ ބޮނަވިސްތާގެ ރިސޯޓް ބްރޭންޑް "ރެސިޑެންސް" އިން ހިންގާ ގޮތަށް ކަމަށެވެ. އަދި އެ ރިސޯޓްގައި 176 ކޮޓަރި، 350 އެނދު ހިމެނޭއިރު އެއީ ވޯޓާ ވިލާ ވެސް ހިމެނޭ ގޮތަށް ތައްޔާރުކުރާ ކޮޓަރިތަކެއް ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ކުރީކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ އެ ރިސޯޓާ ބެހޭ ގޮތުން ޖަނާ އިތުރަށް ވިދާޅުވީ އެ ރިސޯޓްގެ ސަބަބުން ގއ. އަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ދުވަސްވަރު ވަޒީފާތައް ހުޅުވާލާފައިވާ ކަމަށާއި 500 އަށް ވުރެ ގިނަ ވަޒީފާ އެ ރިސޯޓް ހުޅުވުމާ އެކު އިއުލާން ކުރެވިގެން ދާނެކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރިސޯޓް ހުޅުވުމަށް ހަމަޖައްސާފައި މިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު. ހުޅުވުމާ އެކު ގއ. އަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ. އެގޮތުން ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ ވަޒީފާ ރިސޯޓް ހުޅުވުމާ އެކު އިއުލާން ކުރެވިގެންދާނެ." ޖަނާ ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަންގެ މަސައްކަތަށް މަޝްހޫރު އެ ކުންފުނިން ހުޅުވާ އެ ރިސޯޓަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ރިސޯތްތަކުގެ ތެރެއިން ރިސޯޓަކަށް ވެގެން ދާނެ ކަމަށާއި އެކަމާ ގުޅޭ ސަރުކާރުގެ އެކިއެކި ވުޒާރާތަކުން އެކަމަށް ދެއްވި އެއްބާރުލުމަށް ޖަނާ ޝުކުރު އަދާކުރެއްވި އެވެ.