އިސްލާމް އާބާދު (ފެބްރުއަރީ 25) : ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާ ދެކޮޅަށް އެގައުމުގެ ސިފައިން ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އެޖަމާއަތުގެ 30 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިއްޖެކަން ސިފައިން ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ ޢަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ ވަޒީރުސްތާނުގައި ތާލިބާނުން ފިލައިތިބޭ ހޮހަޅަތަކަށާއި އަސްކަރީ ތަމްރީން ދޭ މަރުކަޒުތަކަށް މިހަފްތާގައި ދިން ޙަމަލާތަކުގައި 30 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވި 100 އެއްހާ ހަނގުރާމަވެރިން ޒަޚަމްކޮށްލެވިފައިވާކަން ކަށަވަރުވެފައިވާ ކަމުގަ އެވެ. ޕާކިސްތާނުގެ ސިފައިން ފައިޖެޓް މަތިންދާބޯޓުތަކުންނާއި ޢަސްކަރީ ހެލިކޮޕްޓަރުތަކުން ތާލިބާނުންނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހަފްތާގައި ތާލިބާނުން ދިން ކުއްލި ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ 23 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ. ތާލިބާނުންގެ އެ ޙަމަލާއާ ގުޅިގެން ޕާކިސްތާން ސަރުކާރުން ވަނީ އެ ޖަމާއަތާ އެކު ދައްކަމުން ގެންދިޔަ ސުލްހައިގެ ވާހަކަތައް ވެސް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާން ސިފައިންގެ ވައިގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ވަޒީރުސްތާނުގެ އުތުރާއި ދެކުނުގައި ތާލިބާނުން ގާއިމްކޮށްފައިވާ ޢަސްކަރީ ތަމްރީން ދޭ މަރުކަޒުތަކަށެވެ. ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން އަމިއްލައަށް މަރުވެގެން ދޭ ޙަމަލާތައް (ޖާނު ގޮއްވާލުމުގެ ޙަމަލާތައް) ދިނުމުގެ ތަމްރީނު ތާލިބާނުންނާ އަލަށްގުޅޭ ޕާކިސްތާނުގެ ޒުވާނުންނަށް ޚާއްސަކޮށްގެން މިމަރުކަޒުތަކުގައި ތާލިބާނުގެ މުދައްރިބުން ދެމުންގެންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ތާލިބާނުން ވެސް ވަނީ ޕާކިސްތާން ސިފައިންގެ ވަރުގަދަ ޙަމަލާތަކެއް އެމީހުންގެ މަރުކަޒުތަކަށާއި އަސްކަރީ ގާޢިދާތަކަށް އަމާޒުވަމުންދާކަން ހާމަކޮށްފަ އެވެ. ނަމަވެސް މިޙަމަލާތަކުގައި އެޖަމާއަތުގެ ހަނގުރާމަވެރިންނަށް ލިބެމުންދާ ގެއްލުންތައް ހާމަކޮށްފައެއްނުވެ އެވެ. ޕާކިސްތާން ސިފައިންގެ މިހަމަލާތަކަށް ތާލިބާނުން ވަރުގަދައަށް ބަދަލުހިފާނެ ކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)