25 Feb 2014, 15:34
އެސްޓީއޯ ހެޑް އޮފީހުގެ ހުޅަނގުން މާފަންނުގައި އޮންނަ ހުސްބިން ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓަކައި އެލިއާ ކޮންސްޓްރަކްޝަނާއި މާލެ ސިޓީ ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު މެންދުރު މާލޭ ސިޓީ ކައުންސިލްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެލިއާގެ ފަރާތުން އެ ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު އަލާއު އަލީ ސޮއިކުރައްވާފައިވާ އިރު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔާ މައިޒާން އަލިމަނިކު އެވެ.
"މާލެ ސިޓީ ލެއިސާ ޕާކް"ގެ ނަމުގައި ތަރައްގީކުރާ އެ ޕާކް ހެދުމުގެ މަޝްރޫގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔާ މައިޒާން އަލިމަނިކު ވިދާޅުވީ މާފަންނުގެ ގިނަ ބަޔަކު މިވީހާތަނަށް އެބިން ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެދި ސިޓީ ކައުންސިލްގައި އެދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ޕާކެއްގެ ގޮތުގައި އެބިން ތަރައްގީ ކުރުމުގެ ތަނަވަސްކަން ސިޓީ ކައުންސިލްގައި ނެތުމުގެ ސަބަބުން އެކަމަށް ހުޅުވާލި ފުރުސަތުގައި އެލިއާ ކޮންސްޓްރަކްޝަން އިން "ހިލޭސާބަހަށް" އެބިމުގައި ޕާކެއް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށައެޅުމުން އެ މަސައްކަތް އެލިއާ އަށް ހަވާލުކުރަން ނިންމީ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ މާފަންނުގެ ދުވަސްވީ މީހުންނާއި ކުޑަކުދިންނާ އަދި ޒުވާނުން ވެސް ނުކުމެ ބޭރުމަގު މަތީގައި ހިތްފަސޭހަކޮށްލަން ތިބޭތަން. އެހެންވީމާ އެބޭފުޅުންނަށް އެ ނޫން ތަނެއް ހޯދައިދީ ހިއްފަސޭހަ މާހައުލަކަށް މިތަން ހެދުމުގެ ބޭނުމުގައި އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވީ،" އެލިއާ ކޮންސްޓްރަކްޝަންގެ އެގްޒެކްޓިވް ޑިރެކްޓަރު އަލާއު އަލީ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 23000 އަކަފޫޓު ހިމެނޭ އެބިމުގައި ޕާކް ތަރައްގީކުރުމަށް ފަހު އެއްވެސް ބަޔަކަށް އެ ތަނުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށާއި ތަން ބެލެހެއްޓުމާއި ސެކިއުރިޓީގެ ކަންކަން ވަރަށް ފުރިހަމައަށް ހަމަޖެހިގެން ދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.