ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރުމުން އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ނުދިން މައްސަލަ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އަށް ހުށަހަޅައިފި އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ހުލާސާ ރިޕޯޓް އެ ކޯޓުން ދީފައިނުވާ މައްސަލަ އުއްތަމަ ފަނޑިޔާރުގެ ސަމާލު ކަމަށް ގެނެސްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

"ހުލާސާ ރިޕޯޓާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަކީ ދެ އެއްޗެއް. ހުލާސާ ރިޕޯޓް ޝަރީއަތް ނިންމާ ދުވަހު ދޭން ޖެހޭނެ ކަމަށް ސްޕްރީމް ކޯޓުން ވާނީ އަމުރުކޮށްފައި. ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ 14 ދުވަސް ތެރޭ ލިބެން ޖެހޭ އެއްޗެއް. އެހެންވީމާ ކްރިމިނިލަ ކޯތުން ހުލާސާ ރިޕޯޓް ނުދިން މައްސަލަ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް ސިޓީ އެއް ވާނީ ފޮނުވާފައި،" ދިޔާނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސަމާލުކަަމަށް އެ މައްސަލަ ގެނައި ސަބަބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ބަލާ އިރު އެ މައްސަލަ ހައްލުކޮށް ދެވެން އޮތީ އުއްތަމަ ފަނޑިޔާރަށް ކަމަށާއި އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން އުއްތަމަ ފަނޑިޔާރަށް ހާއްސަ ބާރުތަކެއް ލިބިގެންވާ ކަަމަށް ދިޔާނާ ވިދާޅުވި އެވެ.

ުއުއްތަމަ ފަނޑިޔާރަށް އެ މައްސަލަ ޖުޑީޝަލް ކައުންސިލް އަށް ހުށަހަޅުއްވައިގެން އެ މައްސަލަ އަށް ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް ދެކެވަދައިގެންނަވާ ކަަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

ޖާބިރުގެ ފަރާތުން އެ މައްސަލައިގެ ހުލާސާ ރިޕޯޓް ހޯދުމަށް ހުކުމް ކުރި ދުވަހުން ފެށިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން ޖާބިރަށް އަންގާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނަޑައިދޫގައި އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ.

އެ މައްސަލަ ޖާބިރުގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ތިން ފުލުހުން ވެސް ވަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ބުނެފަ އެވެ. ހެކިބަސް ދެމުން ތިން ފުލުހުން ވެސް ބުނެފައި ވަނީ ކުޑަކަމުދާއެއްޗެހި ދިނުމަށް ޖާބިރަށް އަންގާފައި ވަނީ ގަވާއިދުގައި ބުނެފައިވާ ފަދައިން ފޯމަކުން ކަމަށާއި ފޯމް ދައްކަން އުޅުނުން އޭނާ އެ ފޯމް ބަލަން ބޭނުންނުވި ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ޖާބިރު ވިދާޅުވީ އެ ތިން ހެކީންނަކީ އޭނާ އަށް އަނިޔާކުރި މީހުން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ތިން ފުލުހުން ޖާބިރަށް އަނިޔާކުރިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ.