މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ، އުދަރެސް، ނިޝާމް އާއި ހ. ރެދަން، އަހުމަދު އިރުޝާދުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކަށް ބަލާ އިރު އެ ދެ މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ ޖުލައި، 8، 2012 ގައި މާފަންނުގައި ހުރި ފިހާރައަކުން އިރުޝާހދު ނުކުމެފައި ނިޝާމްގެ އަތަށް ހުދު ކުލައިގެ ސިޓީ އުރައެއް ދިން ކަމަށާއި އެ ހިސާބުން ފުލުހުން އެ ދެ މީހުންނަށް ފާރަލައި ގަލޮޅު ދަނޑު ކައިރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރަން އުޅުމުން ނިޝާމް އަތުގައި އޮތް ސިޓީ އުރަ ވައްޓާލި ކަމަށާއި އެ ސިޓީ އުރައިގައި ހުރި ތަކެތި ތަހުލީލު ކުރުމުން އެއީ ޑައަމޯފިން ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ނިޝާމާއި އިރުޝާދު ހައްޔަރުކޮށް ބެލި އިރު ނިޝާމުގެ އަތުން 10،140ރ. ފެނިފައިވާ ކަމަށާއި އެ ފައިސާއަކީ އޭނާ މަސްތުވާތަކެތި ޓްރެފިކްކޮށްގެން ނޫން ގޮތަކަށް ހޯދާފައި ހުރި ފައިސާކަން ސާބިތު ކޮށްދީފައި ނުވާތީ އެ ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކަށް ބަލާއިރު ނިޝާމާއި އިރުޝާދުގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދެ މީހުން އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.